ދަނޑުވެރިކަން ކުރުމުގައި ކެމިކަލް ޕެސްޓިސައިޑް ބޭނުން ކުރުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. މިކަމުގެ ސަބަބުން ގެއްލުންވާ މިންވަރު ސީދާ އެނގިފައި ނުވި ނަމަވެސް ދަނޑުގޮވާން ކުރުމުގެ އާދަތައް ހުރީ އިންސާނުންގެ ސިއްހަތަށާއި އެހެނިހެން ދިރޭ އެއްޗެއްސާއި ތިމާވެއްޓަށް ވެސް އިންތިހާ އަށް ނުރައްކާތެރި ގޮތްގޮތަށް ކަމާ މެދު ޝައްކެއް ނެތެވެ.
މިފަދަ ޕެސްޓިސައިޑް ތަކުގެ ސަބަބުން ވެލިގަނޑުގެ އާރޯކަމާއި ގުދުރަތީ ބެލެންސް ހިފަހައްޓައި ދޭ ރަނގަޅު ބެކްޓީރިއާތައް ވެސް މަރުވެއެވެ. އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްތައް މާހައުލީ ނިޒާމަށް ފެތުރި އެއްގަމާއި ކަނޑުގެ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރުކޮށް ޕޮލިނޭޝަނަށް ބޭނުންތެރި ސޫފާސޫފި ނެތިކޮށްލުމުގެ އިތުރުން ފެންފަށަލަވެސް ތަޣައްޔަރު ކޮށްލައެވެ. އިންސާނުންގެ ސިއްހަތައް ވެސް ޕެސްޓިސައިޑުގެ ސަބަބުން ނުރައްކާ ކުރިމަތި ވެއެވެ.
ޕެސްޓިސައިޑުގެ ސަބަބުން ކެންސަރަށް މަގުފަހިވޭ
ކެންސަރު އާއްމުވުމުގެ އެއް ސަބަބަކީ ކާން ބޭނުންކުރާ ދަނޑުގޮވާމުގެ ބާވަތްތަކުގައި ކެމިކަލް ހުރުން ކަމަށް ގިނަ ބަޔަކު ލަފާކުރާ އިރު، ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، އެއީ ހަގީގީ ނުރައްކަލެކެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ފާހަގަ ކުރައްވާ ގޮތުގައި ވަކި ހަމައެއް ނެތި ކެމިކަލް ޕެސްޓިސައިޑް ބޭނުން ކުރުމަކީ ސިއްހީ ގެއްލުންތައް ބޮޑުކަމެއް ކަން ދިރާސާތަކުން ސާބިތުވެއެވެ.
މީގެ އިތުރުން އެހެން ގައުމުތަކުން ރާއްޖެއަށް އެތެރެކުރާ ދަނޑުގޮވާމުގެ ބާވަތްތަކުގައި ވެސް ގިނަ އަދަދަކަށް ކެމިކަލްސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
'އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އިން ކެންސާ'ގެ ފަރާތުން ކެންސަރަށް މަގުފަހިވާ ކަމަށް ކަނޑައަޅާފައިވާ 14 ވައްތަރެއްގެ ޕެސްޓިސައިޑް ނުވަތަ ގަހުގައި އުޅޭ ތަފާތު ފަނިތައް މަރަން ބޭނުން ކުރާ ކެމިކަލް، 2022 ވަނަ އަހަރު ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ.
އެންވާރަމަންޓް މިނިސްޓްރީގެ ބޭސްލައިން ކެމިކަލް ދިރާސާ އިފްތިތާހު ކުރަމުން އެ މިނިސްޓްރީން ބުނީ ދަނޑުވެރިކަމާއި އިމާރާތް ކުރުމާއި އޮޑިދޯނިފަހަރު ބަނުން ފަދަ އެކިއެކި ސިނާއަތްތައް ފުޅާވުމާ ގުޅިގެން ތަފާތު ވައްތަރުގެ ކެމިކަލް އެތެރެ ކުރުން އިތުރުވެފައިވާ ކަމަށެވެ. ދިރާސާގައި ވާގޮތުން އެކިއެކި ސޫފާސޫފި މެރުމަށް ބޭނުންކުރާ ކެމިކަލް ނުވަތަ އިންސެކްޓިސައިޑްސްގެ 229 ޓަނު 2017 ވަނަ އަހަރު އެތެރެ ކޮށްފައި ވާއިރު، އެބާވަތުގެ ކެމިކަލްގެ 1292 ޓަނު 2021 ވަނަ އަހަރު އެތެރެ ކޮށްފައި ވެއެވެ. އެއީ 2017 ވަނަ އަހަރާ އަޅާބަލާއިރު، 462 ޕަސެންޓް އިތުރު އަދަދެކެވެ.
ކުޑަކުދިންގެ ކާނާއާއި ބޯފެންވެސް ކެމިކަލުން ތަޣައްޔަރު ވެފައި!
އިންޑިޕެންޑެންޓްގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން ކޮންސިއުމާ ޓްރާންސްޕޭރަންސީ އަށް ވަކާލާތުކުރާ "ދަ ކްލީން ލޭބަލް ޕްރޮޖެކްޓް" ކިޔާ ޖަމިއްޔާއަކުން ކުރި ޓެސްޓުތަކުގެ ނަތީޖާއިން، ކުޑަކުދިންގެ ކާނާގެ އުފެއްދުންތަކުގައި ލެޑް، ކެޑްމިއަމް، އާސެނިކް އަދި އެކްރިލަމައިޑް ހުންނަކަން ވަނީ އެނގިފަ އެވެ. ރިސާޗަރުންނަށް ހޯދުނު ގޮތުގައި ޓެސްޓް ކުރި، ތުއްތު ކުދިންނަށް ކާން ދޭން އުފައްދާފައިވާ ކާނާގެ ތެރެއިން 65 ޕަސެންޓް ތަކެތީގައި އާސެނިކް ހުއްޓެވެ. އަދި 58 ޕަސެންޓް ޕްރޮޑަކްޓްގައި ކެޑްމިއަމް ހުރިއިރު 36 ޕަސެންޓް ތަކެތީގައި ލެޑް ހުއްޓެވެ. އަދި 10 ޕަސެންޓް ތަކެތީގައި އެކްރިލަމައިޑް ހުއްޓެވެ. އާސެނިކަކީ ވިހަ މާއްދާއެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި އާސެނިކް އެކުލެވޭ ތަކެތި ބޭނުން ކުރުމުން ހިތާ ސިނކުޑިއާއި ގުޅިފައިވާ ނާރުތަކުގެ ނިޒާމުގެ ބަލިތަކާއި ހަކުރު ބަލި އަދި ކެންސަރުވެސް ޖެހިދާނެއެވެ.
މި ދިރާސާ ކުރި ފަރާތަށް އިތުރަށް ހޯދިފައިވާ ގޮތުގައި ބިސްފެނޯލް އޭ (ބީޕީއޭ) ފްރީ ކަމަށް ލޭބަލްކޮށްފައި ވާ އުފެއްދުންތަކުގެ ތެރެއިން 70 ޕަސެންޓް އުފެއްދުންތައް ބީޕީއޭ އަށް ޕޮޒިޓިވް ވެފައިވެ އެވެ. ބިސްފެނޯލް އަކީ ޕްލާސްޓިކުން އެއްޗެހި އުފެއްދުމަށް ބޭނުންކުރާ އިންޑަސްޓްރިއަލް ކެމިކަލެކެވެ.
ވިޔަފާރި އިންޑަސްޓްރީން އާންމު ގިނަ މީހުންނަށް ވިސްނައި ދެނީ ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެނަކީ ސާފު ބޯފެން ކަމުގަ އެވެ. ނަމަވެސް ހަގީގަތަކީ މިއެއް ނޫނެވެ.
ރާއްޖޭގައި ބަންދުކޮށްފައި ވާ ގިނަ ބޮޓަލް ވޯޓާ ނުވަތަ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަކީ ކްލޮރިން އިން ޓްރީޓް ކޮށްފައިވާ ފެނެވެ. މިފަދަ އެކިއެކި ކެމިކަލް މީހުންނަށް ފެނުގެ ގޮތުގައި ފޯރު ކޮށްދީގެން އެއިން އިންސާނުންނަށް ބަލި ޖެހެމުން ދާއިރު ވެސް މިއަދު އަޅުގަނޑުމެންނަށް މިވަނީ އެއީ ރައްކާތެރި ސާފު ބޯ ފެނަށް ވެފައެވެ.
މޭވާ އާއި ތަރުކާރީ ގަތުމުގެ ކުރިން އޭގައިވާ ކޯޑަށް ބަލާލައި
މޭވާއާއި ތަރުކާރީ ގައި ތަޕްކޮށްފައި އޮންނަ ކުޑަ ސްޓިކާ ލޭބަލް ގައިވާ ކޯޑުން އަންގައި ދެނީ ކޯއްޗެއްކަން އިނގޭ ހެއްޔެވެ؟ ގަތުމުގެ ކުރިން މި ލޭބަލް އަށް ބަލާލުމަކީ ކެމިކަލް އަޅާފައިވާ މޭވާ ވަކި ކުރެވޭނެ ގޮތެކެވެ.
9 އަކުން ފެށޭ 5 ޑިޖިޓުގެ ކޯޑުން ރަމްޒު ކޮށްދެނީ އެއީ "އޯގަނިކް" މޭވާ އެއް ކަމެވެ. މީގެ މާނައަކީ މިބާވަތުގެ މޭވާ އާއި ތަރުކާރީ އަކީ އެއްވެސް ކަހަލަ ކެމިކަލެއް ބޭނުން ކުރުމެއް ނެތި ހައްދާފައިވާ ތަކެތި ކަމެވެ. 3 ނުވަތަ 4 އަކުން ފެށޭ 4 ޑިޖިޓުގެ ކޯޑެއް އޮވެއްޖެނަމަ އެއިން ރަމްޒު ކޮށްދެނީ "ކޮންވެންޝަނަލް" މޭވާއެއް ކަމެވެ. މީގެ މާނައަކީ މި މޭވާތަކާއި ތަރުކާރީ ހައްދާފައި ވަނީ ޕެސްޓިސައިޑާއި ހާބިސައިޑުގެ އިތުރުން ތަފާތު ކެމިކަލް ބޭނުން ކޮށްގެން ކަމެވެ. އަދި 8 އަކުން ފެށޭ 5 ޑިޖިޓުގެ ކޯޑެއް އޮވެއްޖެނަމަ އޭގެ މާނައަކީ އެއީ "ޖެނެޓިކަލީ މޮޑިފައިޑް" އެއްޗެއް ކަމެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މިހުރިހާ ކަމަކަށް ސަމާލުކަން ދިނުން މުހިންމެވެ. އަދި ތިމާ ކާ ތަކެއްޗަކީ އެންމެ ރައްކާތެރި ތަކެތިތޯވެސް ޔަގީން ކުރުމަކީ ތިމާގެ ޒިންމާއެކެވެ.
އެ ޒިންމާ ފަރުދީގޮތުން އުފުލަން މަޖުބޫރު ވެފައި ވާ އިރު، އަޅާނުލައި ތިބުމުގެ ނަތީޖާ އަކީ، ބަލި އެނދުގައި އޮށޯންނަން ޖެހުމެވެ. ޓެސްޓްތަކާއި ސްކޭންތައް ހެދުމުން އެނގެނީ ކެންސަރާއި އެނޫންވެސް ގިނަ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށް ވެއްޖެ ކަމެވެ.
ވަގުތު ފާއިތު ނުވަނީސް ކެއުމާއި ބުއިމުގެ އާދަތައް ބަދަލުކޮށް، ދުޅަހެޔޮކަންމަތީ ދެމިހުރެވޭތޯ ބެލުން މުހިންމެވެ.