ކިޔެވުން ހަރުދަނާކުރުމަށް ސްކޫލްތަކުގެ ރިވިއު އެނަލެސިސްއެއް ހަދައި އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، 2021 – 2022 ވަނަ އަހަރު ސާނަވީ ތައުލީމު ނިންމާ އިމްތިހާނު ތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ، ސާނަވީ އަދި މަތީ ތައުލީމަށް ކުރިމަތިލާ ދަރިވަރުން، އެދަރިވަރުންގެ ގާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒުހިފުމަށް ވެސް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ދަރިވަރުންގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް، ގައުމީ ހިދުމަތަށް ނުކުތުމަކީ، ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއްކަން ރައީސް ފާހަގަކުރައްވާފައެވެ. އެގޮތުން ތައުލީމީ ގޮތުން ކިތަންމެ މައްޗަކަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުސަތު ކޮންމެ ދަރިވަރަކަށްވެސް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، މިހާރު ފަހިވެފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ގައުމު ތަރައްގީކޮށް ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ޒަމާނީ ތައުލީމާއި ތަރުބަވީ އަހްލާގުގެ މާހައުލަކަށް ސްކޫލްތައް ހަދައިގެންކަން ކަމަށާއި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީއާ ވަސީލަތްތަކާއި އަދި އިންސާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރިޔަށްދާކަމަށެވެ.

މީގެ އިތުރުން ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ސްކޫލްތަކުގެ ރިވިއު އެނަލެސިސް އެއް ހަދައި އޭގެ ތެރެއިން އެންމެ އެހީތެރިކަން ބޭނުންވާ ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ އެނަލެސިސް އިން ފާހަގަ ވި ކަމެއް ރައީސް ވެސް އަދި އެޑިއުކޭޝަނަކުންވެސް ހާމައެއް ނުކުރެއެވެ.