މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އިންގްލޭންޑް މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ. ސިޓީ ފައިނަލަށް ދިޔައީ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް 5-1 ގެ އެގްރިގޭޓް ސްކޯއަކުން ބަލިކުރުމަށް ފަހުއެވެ.
މިދެ ޓީމުގެ ދެމެދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގް މިދިޔަ ހަފްތާގައި ރިއާލްގެ ދަނޑުގައި އޮތް އިރު މިމެޗު ނިމިގެން ދިޔައީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ.
ސެމީގެ ދެވަނަ ލެގް ކުޅުނީ ރޭ ސިޓީގެ އެތިހާދް ސްޓޭޑިއަމްގައެވެ. އެމެޗު ފަސޭހަ ކަމާއެކު ސިޓީން ވަނީ 4-0 އިން ކާމިޔާބުކޮށްފައެވެ. ސިޓީގެ ފުރަތަމަ ދެލަނޑު އެޓީމަށް ޖަހާ ދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބަނާޑޯ ސިލްވާއެވެ.
ރިއާލްއިން ވެސް ވަރުގަދަ ހަމަލާތަކަށް އުފެއްދި ނަމަވެސް މެޗުގައި ދެން ވެސް ލަނޑު ޖެހީ ސިޓީންނެވެ. މިގޮތުން ޑިފެންޑަރު އެކާންޖީ ޖެހި ލަނޑުގެ ފަހުން ފޯވަޑް އަލްވަރޭޒްވެސް ލަނޑެއް ނަތީޖާ ކަށަވަރުކުރިއެވެ.
މިއާއެކު ސިޓީން މިވަނީ މިދިޔަ ސީޒަންގެ ސެމީގައި ރިއާލްއިން އެޓީމު ކަޓުވާލުމަށް ބަދަލު ހިފާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ ސިޓީން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ.
2021 ވަނަ އަހަރުގެ ފައިނަލުގައި ސިޓީން ފެނިގެން ދިޔަ އިރު އިންގްލޭންޑްގެ ޗެލްސީއާ ވާދަކޮށް އެޓީމު ވަނީ 1-0 އިން އެފަހަރު ބަލިވެފައެވެ.
މި ސީޒަންގެ ފައިނަލްގައި ސިޓީން ވާދަކުރަން ޖެހޭނީ އިޓަލީގެ އިންޓާ މިލާނާއެވެ. ސިޓީއަށް ޗެމްޕިއަންސް ލީގު އަދި ދުވަހަކު ވެސް ނުލިބޭ އިރު އިންޓާއިން ވަނީ 2010 ވަނަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފައެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު ތުރުކީގެ އިސްތަންބުލްގައެވެ.