ކުދިން އުފަންވާ ނިސްބަތް ދަށަށް ދިއުމަކީ އޭޝިއާގެ ބޮޑެތި އިގްތިސާދުތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިކަން ބަދަލުކުރުމަށްޓަކައި މަސައްކަތް ކުރުމަށް އޭޝިއާ ސަރަހައްދުގެ ސަރުކާރުތަކުން ދަނީ އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ހަރަދުކުރަމުންނެވެ.

ދެމަފިރިން އިތުރު ދަރިން ހޯދުމަށް ބާރުއެޅުމުގެ ސިޔާސަތުތައް ޖަޕާނުން ތައާރަފް ކުރަން ފެށީ 1990 ގެ އަހަރުތަކުގައެވެ. ދެކުނު ކޮރެއާއިން އެކަން ކުރަން ފެށީ 2000 ގެ އަހަރުތަކުގައެވެ. އަދި ސިންގަޕޫރުގެ ފުރަތަމަ ދަރިމައިވުމުގެ ސިޔާސަތު ތައާރަފް ކޮށްފައި ވަނީ 1987 ވަނަ އަހަރުއެވެ. 60 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އާބާދީ ދަށަށް ދިޔަ ޗައިނާ އިންވެސް ދާދި ފަހުން ވަނީ މި ސިޔާސަތާ ގުޅިފައެވެ.

މި ސިޔާސަތުތަކަށް ހަރަދުވެފައި ވަނީ ކިހާ ވަރެއްގެ ފައިސާއެއްކަން ދެނެގަންނަން ދަތިނަމަވެސް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލް ދާދި ފަހުން ވިދާޅުވެފައިވަނީ އާބާދީ އިތުރުކުރުމަށް ފާއިތުވި 16 އަހަރުގެ ތެރޭގައި 200 ބިލިއަން ޑޮލަރަށްވުރެ ގިނައިން ހަރަދު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ދެކުނު ކޮރެއާއިން ވަނީ ދުނިޔޭގައި ދަރިމައިވުމުގެ ނިސްބަތް އެންމެ ދަށްކަމަށް އެގައުމުގެ އަމިއްލަ ރެކޯޑް މުގުރާލާފައެވެ.

ޖަޕާނުގައި މިދިޔަ އަހަރު ކުދިން އުފަންވެފައި ވަނީ 800،000 އަށް ވުރެ މަދުންނެވެ. ޖަޕާނުގައި ކުޑަކުދިންނާ ގުޅޭ ސިޔާސަތުތަކަށް ކަނޑައަޅާފައިވާ ބަޖެޓް 10 ޓްރިލިއަން ޔެން (74.7 ބިލިއަން ޑޮލަރު؛ ޕައުންޑް 59.2 ބިލިއަން ޕައުންޑް) އިން ދެގުނަ ކުރައްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުދިން އުފަންވާ ނިސްބަތް ދަށްކުރަން މަސައްކަތްކުރާ ގައުމުތައް ގިނަނަމަވެސް، ދަރިމައިވުމުގެ ނިސްބަތް އިތުރުކުރަން ބޭނުންވާ ގައުމުތަކުގެ އަދަދު 1976 ވަނަ އަހަރުން ފެށިގެން ތިން ގުނަ އިތުރުވެފައިވާ ކަމަށް އދ.ގެ އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކައެވެ.

އޭޝިއާގެ އާބާދީއަށް އަންނަމުންދާ ބަދަލު ފެންނަ ގްރާފެއް

މި ސަރުކާރުތަކުން އާބާދީ އިތުރުކުރަން ބޭނުންވަނީ ކީއްވެގެން؟

ވަޒީފާ އަދާކޮށް، މުދަލާއި ހިދުމަތްތައް އުފެއްދޭނެ ބޮޑު އާބާދީއެއް އޮތުމަކީ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވާ ކަމެކެވެ. އަދި އާބާދީ ބޮޑުވުމަކީ ސަރުކާރުތަކަށް ހަރަދު ބޮޑުވާކަމަކަށް ވިނަމަވެސް، އޭގެ ސަބަބުން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީވެސް ބޮޑުވެދާނެއެވެ.

އޭޝިއާގެ ގިނަ ގައުމުތަކުގައި މުސްކުޅިންގެ އާބާދީވެސް ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. ޖަޕާނުގެ އާބާދީގެ ގާތްގަނޑަކަށް 30 ޕަސެންޓް މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމެއްގެ ގޮތުގައި އޮތް ޗައިނާ ފަހަތަށް ޖައްސާލީ އިންޑިއާއާ އަޅާކިޔާއެވެ. އެ ގައުމުގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ އުމުރުން 10 އަހަރާއި 20 އަހަރާ ދެމެދުގެ މީހުން ކަމުން އެ ގައުމުގެ އިގްތިސާދު ކުރިއެރުމުގެ ފުރުސަތު ބޮޑެވެ. އަދި ވަޒީފާ އަދާކުރާ އުމުރުގެ އާބާދީ ކުޑަވުމުން، މަސައްކަތް ނުކުރާ އާބާދީ ބެލެހެއްޓުމުގެ ހަރަދާއި ބުރަ ބޮޑުވެގެން ދެއެވެ.

އުފަންވާ ނިސްބަތް އިތުރުކުރުމަށް މި ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަލަތު މައިންބަފައިންނަށް ފައިސާ ދިނުމާއި، ސަބްސިޑައިޒްކޮށްގެން ނުވަތަ ހިލޭ ކިޔެވުމާއި، އިތުރު ނާސަރީތަކާއި، ޓެކްސް އިނާޔަތްތަކާއި، މައިންބަފައިންގެ ޗުއްޓީ އިތުރުކުރުން ހިމެނެއެވެ.

ޖަޕާނާއި ދެކުނު ކޮރެއާ އަދި ސިންގަޕޫރުގެ ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުތަކުގެ އާބާދީ އިތުރުކުރުމަށް ކުރި މަސައްކަތްތަކުގެ އަސަރު ވަރަށް ކުޑައެވެ. ޖަޕާނުގެ ފިނޭންސް މިނިސްޓްރީން ވަނީ އެ ސިޔާސަތުތަކަކީ ފެއިލްވެފައިވާ ސިޔާސަތުތަކެއް ކަމަށް ބުނެ ދިރާސާއެއް ޝާއިއުކޮށްފައެވެ.

މިއީ އދ.އިން ވެސް ގަބޫލުކުރާ ވިސްނުމެކެވެ. އދ.ގެ ޕޮޕިއުލޭޝަން ފަންޑުގެ އަލާނާ އާމިޓޭޖް ބުނި ގޮތުގައި ޑިމޮގްރަފިކް އިންޖިނިއަރިންގެ ނަމުން ނަން ދީފައިވާ ސިޔާސަތުތަކުން ދަރިން ހޯދުމަށް އަންހެނުންނަށް ހިތްވަރުދޭ ނަމަވެސް، އެ ސިޔާސަތުތައް ކާމިޔާބެއް ނޫނެވެ.

އަދި އަންހެނުން ދަރިން ނުހޯދަނީ ކީއްވެގެންކަން ދެނެގަންނަން ޖެހޭކަމަށާއި އެއީ ގިނަ ފަހަރަށް އެމީހުންގެ މަސައްކަތުގެ ހަޔާތާއި އެމީހުންގެ އާއިލީ ދިރިއުޅުން ގުޅާނުލެވުން ކަމަށް އަލާނާ ބުންޏެވެ.

ނަމަވެސް ސްކޭންޑިނޭވިއާގެ ގައުމުތަކުގައި ދަރިމައިވުމުގެ ސިޔާސަތުތައް އޭޝިއާގެ ގައުމުތަކަށްވުރެ ކާމިޔާބުކަމަށް ވިކްޓޯރިއާ ޔުނިވާސިޓީގެ ޝިއުޖިއަން ޕެންގް ބުންޏެވެ.

"މައިގަނޑު ސަބަބަކީ އެކުދިންގެ ވެލްފެއާ ނިޒާމު ރަނގަޅުވެފައި، ދަރިން ތަރުބިއްޔަތު ކުރުމަށް ކުރާ ހަރަދު ވެސް ހެޔޮވާތީ. އެމީހުންގެ ޖިންސީ ހަމަހަމަކަންވެސް އޭޝިއާގެ ގައުމުތަކަށްވުރެ ރަނގަޅު"
ޕެންގް

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓާ އަޅާބަލާއިރު އޭޝިއާގެ ގައުމުތަކަށް ލިބިފައިވަނީ ދަށް ރޭންކްތަކެކެވެ. ހާއްސަކޮށް ދުނިޔޭގެ އެންމެ ދަރަނިވެރި ތަރައްގީވެފައިވާ އިގްތިސާދު ކަމަށްވާ ޖަޕާނުގައި މި އަގުބޮޑު ފިޔަވަޅުތަކަށް ފަންޑު ކުރަންވީ ގޮތަކާ މެދު ވެސް ބޮޑެތި ސުވާލުތަކެއް އުފެދެއެވެ.

ޖަޕާނުގައި ވިސްނަމުންދާ އޮޕްޝަންތަކުގެ ތެރޭގައި ސަރުކާރުގެ އިތުރު ބޮންޑުތައް ވިއްކުން ހިމެނެއެވެ. އޭގެ މާނައަކީ ދަރަނި ބޮޑުކުރުމާއި ސޭލްސް ޓެކްސް ބޮޑުކުރުން ނުވަތަ ސޯޝަލް އިންޝުއަރެންސް ޕްރިމިއަމް ބޮޑުކުރުމެވެ.

ފުރަތަމަ އޮޕްޝަނުން އަންނަން އޮތް ޖީލުތަކަށް މާލީ ބުރަ ބޮޑުވާއިރު، އަނެއް ދެ އޮޕްޝަންގެ ސަބަބުން މިހާރުވެސް ދަތިހާލުގައި އުޅޭ މަސައްކަތްތެރިންނަށް އޭގެ އަސަރު ކުރާނެއެވެ. އެކަމުގެ ސަބަބުން ދަރިން ހޯދާ މިންވަރު މަދުވާނެއެވެ.

ނަމަވެސް އިންސީޑްގެ އިކޮނޮމިކްސް ޕްރޮފެސަރު އެންޓޯނިއޯ ފަޓާސް ވިދާޅުވާ ގޮތުގައި މި ސިޔާސަތުތައް މަސައްކަތް ކުރިނަމަވެސް އެ ސިޔާސަތުތަކަށް އިންވެސްޓް ކުރަން ޖެހެއެވެ.

އާބާދީ ދަށްވަމުންދާތީ ކަންބޮޑުވާ ގައުމުތަކުން ދަނީ އިގްތިސާދު ކުރިއެރުވުމަށްޓަކައި އެހެން ދާއިރާތަކަށްވެސް އިންވެސްޓް ކުރަމުންނެވެ.

ޝިއުޖިއަން ޕެންގް ވިދާޅުވީ އާބާދީ މަދުވުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުކުޑަކުރުމުގެ ގޮތުން ޗައިނާއިން ދަނީ މަސައްކަތްތެރިންގެ ބާރު ދަށްވަމުންދާތީ އެކަން ފޫބެއްދުމަށް ޓެކްނޮލޮޖީއާއި އީޖާދުތަކަށް އިންވެސްޓްކުރަމުން ކަމަށެވެ.