އިންޑިޔާގެ ދިއްލީ މެޓްރޯ ޓްރެއިން ތެރޭގައި ލޯބީގެ ގުޅުންތައް ފާޅުގައި ހިންގުން ވަނީ އާންމުވެފައެވެ. އެގޮތުން މިދިޔަ ހަފުތާގައި ޒުވާން އަންހެނަކާ ފިރިހެނަކު ޓްރެއިން ތެރޭގައި ގައިގޯޅިވެ، ބޮސްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މިކަމާ ގުޅޭ ގޮތުން އިންޑިއާގެ ގިނަ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި ވީޑިއޯއާ ގުޅިގެން ދިއްލީ މެޓްރޯ ރޭލް ކޯޕަރޭޝަން (ޑީއެމްއާރްސީ) އިން ވަނީ ދަތުރުކުރާ މީހުންނަށް ފާހަގަވާ އެފަދަ އަމަލުތައް ރިޕޯޓް ކުރުމަށް އަންގާފައެވެ. އަދި އެފަދަ އަމަލުތައް ހިނގާތޯ ބެލުމަށް މުވައްޒަފުން އިތުުރުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ވީޑިއޯއަށް އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން އެގައުމުގެ އާންމު ތަންތަނުގައި މީހުން ކުރާ ހުތުރު ކަންކަމާ ބެހޭ ގޮތުން ވަނީ ވަރުގަދަ ބަހުސެއް އުފެދިފައެވެ.
މިދިޔަ މަހު ދިއްލީ މެޓްރޯ ޓްރެއިން އެއް ތެރޭގައި ފިރިހެނަކު އޭނާގެ ޖިންސީ ގުނަވަން ބޭރުކޮށްގެން އެދުން ފުއްދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއާ ގުޅިގެން ދިއްލީ ކޮމިޝަން ފޯ ވިމެން އިން ވަނީ ހަރުކަށި އިންޒާރެއް ދީފައެވެ.
އާންމު ތަންތަނުގައި އެފަދަ އަމަލުތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު އެއްބަސްވާއިރު، ޖިންސީ އަމަލުތަކާއި ޖިސްމާނީ އޯގާތެރިކަމުގެ އަމަލުތަކާއި، ވަކިން ހާއްސަކޮށް، އާންމު ތަންތަނުގައި ކުރާ އެކި އަމަލުތަކާ ދޭތެރޭގައި ގައިދުރުކަން ކަނޑައެޅުމަކީ ވެސް އުނދަގޫ ވެދާނެއެވެ.
އިންޑިއާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ކަލްކަތާގައި 2018 ވަނަ އަހަރު ދެމީހަކު ބައްދައިގަތުމުން ފަސިންޖަރުންތަކެއް ވަނީ ދެ މީހުންނަށް ތަޅާ އަނިޔާކޮށްފައެވެ. 2019 ވަނަ އަހަރު ދިއްލީގެ މެޓްރޯ ސްޓޭޝަނެއްގައި ދެމީހަކު ޖިންސީ ގުޅުން ހިންގާފަދަ ގޮތަކަށް ތިބި މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯއެއް ޕޯން ސައިޓެއްގައިވެސް ވަނީ އާންމުވެފައެވެ.
އާންމު ތަންތަނުގައި ގައިގޯޅިވެ އުޅުމަކީ ވަރަށް ކުރީއްސުރެވެސް އިންޑިއާގައި އާންމު ކަމަކެވެ. އެގޮތުން ޖިންސީ ގުޅުންތަކާ ގުޅޭ ފޮތްތައް ނެރުމާއި، ޓީވީ ސީރިއަލް އަދި ޑްރާމާތަކުގައި އެފަދަ މަންޒަރު ކުޅުމަކީ އިންޑިއާގައި ވަރަށް އާންމުކަމެކެވެ.
1981 ވަނަ އަހަރު، އޭރުގެ ޕްރިންސް ޗާލްސް އިންޑިޔާގެ ފިލްމެއްގެ ސެޓަކަށް ޒިޔާރަތް ކުރިއިރު ބަތަލާ ޕަދްމިނީ ކޯލްހާޕޫރޭ ޕްރިންސް އަށް މަރުހަބާ ކިޔުމަށް ކޮލަށް ވަނީ ބޮސްދީފައެވެ. ޕްރިންސް ޗާލްސް އަށް ބޮސްދިން އަންހެނެއްގެ ގޮތުގައި އޭނާ ވަނީ މަޝްހޫރު ވެފައެވެ. އޭގެ އަހަރުތަކެއް ފަހުން ދިން އިންޓަވިއުއެއްގައި ބަތަލާ ބުނެފައިވަނީ "އެއީ މާ ބޮޑު ކަމެއް ނޫން" ކަމަށެވެ.
ނަމަވެސް 2007 ވަނަ އަހަރު އެއިޑްސް އަށް ހޭލުންތެރިކުރުމުގެ ހަރަކާތެއްގައި ހޮލީވުޑްގެ ސުޕަސްޓާ ރިޗަޑް ގެރޭ، ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ކޯތާފަތަށް ބޮސްދިނުމުން އިންޑިއާގެ ސަގާފަތަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުނެވެ.
މިކަމާ ގުޅޭ ގޮތުން ރިޗަޑް ބުނީ އޭނަ ދޭން ބޭނުންވި މެސެޖަކީ، ބޮސް ދިނުމަކީ ރައްކާތެރިކަމެއް ކަމަށެވެ. ނަމަވެސް އާންމުންގެ ތެރޭގައި ނޭދެވޭ އަމަލުކުރި ކަމަށް ބުނެ، ޝިލްޕާއާ ދެކޮޅަށް މައްސަލައެއް ހުށަހެޅިއެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ޝިލްޕާގެ މައްޗަށް އުފުލާފައިވާ ދައުވާއިން އޭނާ ސަލާމަތްވިއިރު ކޯޓުން ބުނީ އޭނާ އަކީ ގެރޭގެ "ތުހުމަތު ކުރެވޭ އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ މީހެއް" ކަމަށް ބެލެވޭ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި އިންޑިއާގެ ފިލްމުތަކާއި ވެބް ޝޯތަކުގައި އޮންސްކްރީން ކިސްތަކާއި ގާތްކަމުގެ އަމަލުތައް ވަނީ އާންމުވެފައެވެ.
އެކަމަކު އިންޑިއާ ފަދަ އާބާދީ ބޮޑު ގައުމެއްގައި، ގިނަ ޒުވާނުން އަދިވެސް އާއިލާއާ އެކު ދިރިއުޅެމުން އަންނަ އިރު ޕްރައިވެސީ އަކީ އަބަދުވެސް ދިމާވާ މައްސަލައެކެވެ. އެކަހެރި ވަގުތުތައް ހޭދަ ކުރުމަށް ދެމަފިރިންވެސް ބަގީޗާތަކާއި ޕާކުތަކުގައި އަދި ޒަމާންވީ ބިނާތަކަށް ގޮސް އުޅެއެވެ.
ކަލްކަތާގައި ހުންނަ މަޝްހޫރު ވިކްޓޯރިއާ މެމޯރިއަލް އިމާރާތަކީ ލޯބިވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. އަނދިރިވުމަށްފަހު، އެތަނުގައި ހިންގާ ބަދުއަހުލާގީ އަމަލުތައް ހުއްޓުވުމަށް، ފުލުހުން އާންމުކޮށް ހަރަކާތްތެރި ވެއެވެ.
އިނދެގެން އުޅޭ ދެމަފިރިންވެސް ކޮޓަރިއެއް ކުއްޔަށް ނަގައިގެން އެކަހެރި ވަގުތު ހޭދަކުރާނަމަ ބައެއް ގޮންޖެހުންތަކާ ދިމާވެއެވެ. އެގޮތުން އިންޑިއާގެ ކޮޓަރި ކުއްޔަށްދޭ ބައެއް ތަންތަނުން ދެމަފިރިންނަށް ކައިވެނީގެ ސެޓްފިކެޓްތައް ދެއްކުމަށް ބުނެއެވެ.
ނަމަވެސް އެއްޖިންސުން ގުޅުން ހިންގުމަށް ކޮޓަރިތައް ކުއްޔަށް ނެގުމަކީ އިންޑިއާގައި މާ ބޮޑު މައްސަލައެއް ނޫނެވެ. ފިރިހެނުން އެކަކު އަނެކަކު އަތުގައި ހިފަހައްޓައިގެން ނުވަތަ އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ހިނގާފައި ދިއުމަކީ ހުޅަނގުގެ ގައުމުތައް ފަދައިން އިންޑިއާގައި ވެސް މާ ބޮޑު މައްސަލައެއް ގޮތަކަށް ނުދެކެއެވެ.
އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 294 ވަނަ މާއްދާގެ ދަށުން އާންމު ތަނެއްގައި އެހެން މީހުންނަށް ނުތަނަވަސްކަން ގެނުވާފަދަ އަމަލުތައް ކޮށް، ހުތުރު ލަވަތައް ޖަހާނަމަ އަދަބު ދެވިގެން ދާނެއެވެ.