އެމްޑީޕީއިން ވަކި ކުރިކަން ޕާޓީއިން އަންގާފައި ނުވާ ކަަމަށާއި ވަކި ކޮށްފި ކަމަށް ބުނެ ލިޔެފައި އޮންނަތަން ފެނިވަޑައިގަންނަވާނީ ނޫސްތަކުން ކަމަށް ވިދާޅުވެ އާޒިމް ވަކި ކޮށްފި ކަމަށް ބުނެ އެމްޑީޕީން ހާމަ ކުރި ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ އާޒިމް "ދަ ޕްރެސް" އަށް ވިދާޅުވީ އޭނާ ވަކި ކުރިކަމަށް އެމްޑީޕީން ބުނާ ވާހަކައިގައި ކަން ހިނގާފައި އޮތްގޮތަށް ބަލާ އިރު އެކަން ޕާޓީގެ އަސާސީ ގަވައިދާއި ސުލޫކީ ކޮމިޓީ [ފިޔަވަޅު އަޅާ ކޮމިޓީ]ގެ ގަވައިދާވެސް ހިލާފު ކަމަށެވެ.

އާޒިމް ވިދާޅުވީ އަސާސީގައި ބުނާގޮތުން ފިޔަވަޅުއަޅާ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ކަމަށާއި ނަމަވެސް އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާކަން ޝިފާޒަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ދެވަނަ ކަމަކަށް އޭނާ ފާހަގަ ކުރައްވަނީ، ސަބަބަކާ ހުރެ ޗެއާއަށް (ރިޔާސަތު) ކޮމިޓީގައި ބައިވެރިވެވަޑައި ނުގެންނެވޭނަމަ ކޯރަމް އާ އެކު ކޮމިޓީ ބޭއްވޭނެ އުސޫލު އޮތަސް އެ މަރުހަލާއަށް ދާނީ ޗެއާ ކުރަން ހުންނަވާ ބޭފުޅަކަށް އަންގައި އޭނާ އެކަމަށް އުޒުރުވެރިވާނަމަ ކަމަށެވެ. ތިން ވަނަ ކަމަކަށް އާޒިމް ފާހަގަ ކުރެއްވީ، ސްކޫލީ ކޮމިޓީގެ ގަވައިދު އޮންނަ ގޮތުން، މެންމަރެއްގެ މައްސަލައެއް ބަލާނަމަ އެ މެންބަރަކަށް އެންގުމާއި، ޖަވާބުދާރީވާން ވަގުތު ދިނުން އޮންނަ އިރު އެފުރުސަތުވެސް އޭނާއަށް ދީފައި ނުވާ ކަމަށެވެ.

ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތު ބަަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށް ބުނާ ބައިގެ ސްކްރީން ޝޮޓެއް

އާޒިމް އިތުރަށް ވިދާޅުވީ ސުލޫކީ ގަވައިދާ ހިލާފަށް ޕާޓީއިން އަމަލުކޮށްފައި ވުމުން ޕާޓީއިން ވަކިވާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި ޕާޓީގައި ދެމިހުރި ކަމަށެވެ. އަދި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ފިޔަވަޅު އެޅި ކަމަށް އާޒިމް ވިދާޅުވި ނަމަވެސް އޭނާއަށް ފިޔަވަޅު އަޅާފައި ވަނީ އަދި ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުން ބާއްވާފައި ވަނީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށް އެމްޑީޕީ އިން ބުނެއެވެ.

އާޒިމްއަށް ފިޔަވަޅު އަޅާފައި ވަނީ ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި ތާއީދުކޮށް ސޮއިކުރެއްވި މައްސަލައި ގައެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އާޒިމްގެ މައްސަލަ ބަލައި ނެރުނު ރިޕޯޓްގައިވާ ގޮތުން އާޒިމް ވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ތާއީދުކުރައްވާ މެންބަރުންގެ ލިސްޓުގައި ސޮއިކުރައްވާ ފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ދެ ބައްދަލުވުމެއްގައި އާޒިމް ބައިވެރިވެވަޑައިގެންފައި ވެއެވެ.

"ކަނޑުން ބައެއް ދޫކޮށްލި މައްސަލަ އަކީ ގައުމީ މައްސަލައެއް، ދަރިންނާއި ދަރިންގެ ދަރިން މާދަމާވެސް ސުވާލު ކުރާނެ، ބައްޕަ، ކާފަ އެދުވަހު އެތާ އިނިންދޯއޭ ކިޔާފަ، މިއީ ކޮންމެ ދިވެހި ދަރިއަކުވެސް ބައިވެރިވެ އަޑުއުފުލާން ޖެހޭ މައްސަލައެއް، އެހެންވީމައި އެކަމުގައި ބައިވެރިވީ، މަޖިލީހުގައި އެބަ ތިބި އެމީހެއްގެ ދަރިން، އާއިލާ މީހުންނަށް އެމްބަސީތަކާއި އެތަން މިތަނުން ވަޒީފާ ހަމަޖެހިފައި ތިބީމައި އެއްޗެއް ބުނަން ނުކެރިފައި ތިބި ބައެއް މެންބަރުން، ނަމަވެސް ގިނަ ބަޔަކަށް މިކަމުގައި ބަސްބުނަން ކެރޭނެ"
އަލީ އާޒިމް

އާޒިމް ވިދާޅުވީ، ކަނޑުން ބައެއް ދޫކޮށްލި މައްސަލަ އަކީ އަންނަން އޮތް ޖީލުތަކުންވެސް ސުވާލު ކުރާނެ މައްސަލައެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން ކުރެވޭ ގޮތަށް އޮންނަ ކަމެއް ނޫން ކަމަށެވެ.

"އިން ވަކިކޮށް އިން ޖަހަން ޖެހޭ ބަޔަކީ އަޅުގަނޑުމެން، މަޖިލީސް، މަޖިލީހަކަށް ނާންގާ އެ ސިޓީފުޅު ފޮނުއްވި އިރު، މަޖިލީހުގައި ނާހާ މިން ޖެހުމާ ބެހޭ ގޮތަކުން، އެކަން [މަޖިލީހަށް ނާންގާ ސިޓީފުޅު ފޮނުއްވުން] ރައީސަކަށް ނުކުރެއްވޭނެ، އެ މެންޑޭޓެއް ނޯންނާނެ" އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީން އާޒިމަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި މިއަދުން ފެށިގެން 1 އަހަރު ދުވަހަށް އެމްޑީޕީން އާޒިމް ވަކިކުރުމާއި އާޒިމަށް އަލުން ޕާޓީއަށް ވަދެވޭނީ އެމްޑީޕީ އަށް ވަނުމަށް އެދޭ 100 މެންބަރުންގެ ސައްހަ ފޯމް ހުށަހެޅުމުން ކަމަށް ނިންމާފައި ވެއެވެ. މީގެއިތުރުން 5 އަހަރު ވަންދެން އެތެރޭގެ އެއްވެސް އިންތިހާބެއްގައި އޭނާއަށް ބައިވެރި ނުވެވޭނެ ކަމަށް ވެސް ވަނީ ނިންމާފައެވެ.