މަސްވެރިކަމަށް ނުކުމެ އުޅުނު ގދ. ތިނަދޫ ކަޅިރަވަ ދޯނިން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފިއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި ޒަހަމްވެފައި ވަނީ އުމުރުން 32 އަހަރުގެ ބަންގްލާދޭޝް މީހެކެވެ. މައުލޫމާތު ލިިބިފައިވާ ގޮތުގައި އެމީހާއަށް މިޔަރު ހަމާލާދީފައި ވަނީ ގއ. ކޫއްޑުއަށް މަސް ކިރަން ގޮސް، ކިއު ދިގުވުމުން ފަޅުން ބޭރަށް ދޯނި ނެރުނު ވަގުތު މޫދަށް ވެއްޓުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ގައިގެ ތިން ތަނެއްގައި މިޔަރު ދަތް އަޅާފައި ވާއިރު އޭގެ ތެރޭގައި އޭނާގެ އަތާއި ފައިގެ ދެ ތަނެއް ހިމެނެއެވެ. ޒަހަމްވި މީހާއަށް މިހާރު އަންނަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މީގެ ކުރިން ވެސް މިޔަރު ހަމަލާދީގެން ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ. މިގޮތުން މިދިޔަ އަހަރު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ވަނީ ހަމަލާދީ ޒަހަމްކޮށްލާފައެވެ. އެފަހަރު ޒަހަމްވެފައި ވަނީ 62 އަހަރުގެ ދިވެހި މަސްވެރިއަކަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ ޅ. މާފިލާފުއްޓާ ދިމާލު ބޭރުން 14 މީހުންނާއެކު އޭނާ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށެވެ.

ރާއްޖޭގައި މިޔަރު ހިމާޔަތް ކުރުމުގެ ސަބަބުން މިޔަރުގެ އާބާދީ އިތުރުވެ، އެކަމުގެ ޝަކުވާ މަސްވެރިން އަންނަނީ ކުރަމުންނެވެ.