ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތާއީދުކޮށް ސޮއިކުރައްވާފައިވާތީ، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިވެއްޖެ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި ވާ އިރު އެ ނިންމުމުގެ ދަށުން އާޒިމް އަށް 1 އަހަރު ނުވަނީސް ދެން އެމްޑީޕީއަކަށް ނުވަދެވޭނެއެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕްގެ ލީޑަރުކަން ކުރިން ކުރައްވާފައިވާ އާޒިމް، އެމްޑީޕީން ވަކިކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ތިން މެންބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންފައި ނުވެއެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އާޒިމްގެ މައްސަލަ ބަލައި ނެރުނު ރިޕޯޓްގައިވާ ގޮތުން:
- އާޒިމް ވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ތާއީދުކުރައްވާ މެންބަރުންގެ ލިސްޓުގައި ސޮއިކުރައްވައިފަ
- އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ދެ ބައްދަލުވުމެއްގައި އާޒިމް ބައިވެރިވެވަޑައިގެންފައިވޭ
ފިޔަވަޅު އަޅާ ކޮމިޓީގެ ރިޕޯޓުގައި ބުނީ، މި ކަންކަމާ މެދު ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމަ، އެހެން މެންބަރުންގެ ފަރާތުން ވެސް މިފަދަ ކަންކަން ތަކުރާރުވުން އެކަށީގެންވާ ކަމަށެވެ. ހަމަ އެއާއެކު، އާޒިމްގެ މި އަމަލަކީ ޕާޓީގެ މަސްލަހަތަށް ގެއްލުން ވެދާނެ ކަމެއް ކަމުގައި ވެސް، އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އާޒިމް އެމްޑީޕީން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި ވަނީ ޕާޓީގެ 16 ވަނަ މާއްދާގެ (ހ) އާއި (ރ) އަށް ރިއާޔަތްކުރުމަށްފަހު، އެ މާއްދާ އާ އާޒިމް ހިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. އެ ދެ ނުކުތާގައިވާ ގޮތުން:
- ޕާޓީގެ އަސާސީ ގަވައިދާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި، ކަނޑައެޅުންތަކާއި އެހެނިހެން ގަވައިދުތަކާ އެއްގޮތަށް ސުލޫކު ބަހައްޓަން މެންބަރުންނަށް ލާޒިމް
- ޕާޓީގެ އަމާޒުތަކާއި މަގްސަދުތަކާއި ސިޔާސަތުތައް ކުރިއެރުވުމަށް މަސައްކަތްކޮށް އެ ކަންކަން ދިފާއުކުރުން
އާޒިމްގެ މައްޗަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ފިޔަވަޅު އަޅަން ނިންމާފައި ވަނީ އެ ޕާޓީގެ 17 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. އެ މާއްދާގައިވާ ގޮތުން، އެމްޑީޕީގެ މެންބަރަކަށްވެ ހުރެ ޕާޓީގެ އަސާސީ ގަވައިދަށް އަމަލުކުރުން މެންބަރުންގެ މައްޗަށް ލާޒިމެވެ. އަދި އަސާސީ ގަވައިދާ އެއްގޮތަށް އަމަލުނުކުރާ މެންބަރުންނާ މެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު ޕާޓީ އަށް ލިބިގެން ވެއެވެ.
އެމްޑީޕީން އާޒިމަށް އަޅަން ނިންމި ފިޔަވަޅުތައް:
- މިއަދުން ފެށިގެން އެއް އަހަރު ދުވަހަށް އެމްޑީޕީން އާޒިމް ވަކިކުރުން
- އާޒިމަށް އަލުން ވަދެވޭނީ އެމްޑީޕީ އަށް ވަނުމަށް އެދޭ 100 މެންބަރުންގެ ސައްހަ ފޯމް ހުށަހެޅުމުން
- ފަސް އަހަރު ވަންދެން އެތެރޭގެ އެއްވެސް އިންތިހާބެއްގައި ބައިވެރިނުވެވޭ ގޮތަށް ކަނޑައެޅުން
އާޒިމް އެމްޑީޕީން ވަކިކޮށް، އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ މަޖިލީހުގެ އިތުރު ހަތަރު މެންބަރަކަށް ފިޔަވަޅު އަޅަން ނިންމާފައިވާތީ އެކަމާ މެދު ނުރުހުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސް އަންގަވައިގެން 2019 ގައި ދާއިރާގެ ރައީސުން ނުކުމެ، އެމްޑީޕީގެ ކެންޑިޑޭޓް ކަޓުވާލުމަށް ފަހު އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން މަޖިލިހަށް ހޮވި މައްސަލަ ނުބަަލައި ފިޔަވަޅު އަޅާ ކޮމިޓީން މިހާރު ބަލަމުންދާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ.
"ޕާޓީން ވަކިކުރަން ޖެހޭނީ ރައީސް ސޯލިހު،" "އަނެއް ދިވެހިރާއްޖެ" ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިއަދު ވިދާޅުވިއެވެ.
1އަހަރު ވަންދެނަ އާޒިމްގެ ރިޒުގެ ބަންދުވީދޯ އެމްޑީޕީ އެކަނި މިގައުމުގަ އޮތީ