މަތީ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހަ ފަހަރު ހުޅުވާލި ކަމަށާއި އެ ފުރުސަތުތަކުގައި ކުރިމަތިލި 1،986 ދަރިވަރަކަށް ލޯނުގެ އެހީ ދީފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ދަރިވަރުން ކިޔަވާ ނިމި އަދި މިހާރުވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ވީހާވެސް ގިނަ ދަރިވަރުންނަށް މި ލޯނު ދިނުމަށް ސަރުކާރުން ގެނައި ބަދަލާއެކު މިހާތަނަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯނު ސްކީމަށް އަޅުގަނޑުމެން ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވިއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވި ގޮތުގައި، މި އަހަރު ހުޅުވައިލި ލޯނުގެ ފުރުސަތުތަކަށް 1،507 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި އެ ކުދިންގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ކުދިންނަށް ކިޔަވައިދިނުމަށް، އަދި މަތީ ތައުލީމާއި ތަމްރީން ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ ދައުލަތުން ކުރާ ހަރަދުތަކެއް ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އެއީ އޭގެ އަންދާޒާ މުގާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ގާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށާއި އަދި އޭގެ ހެޔޮ ނަތީޖާ އެތައް އަހަރަކަށް ލިބެމުންދާނެ ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ.