ޝޫޓިން އަކަށް ދިޔުމަށް ކާރުގައި ގެއިން ނުކުމެ ޓްރެފިކްގައި ޖެހި އެތައްއިރެއް ވީ ފަހުން ވެސް ޓްރެފިކްގެ މައްސަލަ އަށް ހައްލެއް ނައުމުން އާންމު ރައްޔިތެއްގެ ސައިކަލް ފަހަތަށް ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބް ބައްޗަން އަރައިފިއެވެ.

އަމީޔާބު، ޝޫޓިން އަށް ދިޔަ މަގުމަތީ އާންމުންގެ ބަޔަކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލް ވަމުން ދާއިރު އެކްޓަރު އަމީތާބު ވަނީ އެ ފޮޓޯ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަމީތާބް ބުނީ ސައިކަލުގައި އޭނާ އަށް ލިފްޓެއް ދިން ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ. އޭނާ ބުނީ ލިފްޓް ދިން މީހާގެ ނަން ވެސް ނޭނގޭ ކަމަށާއި ނަމަވެސް ބޭނުންވާ ލޮކޭޝަނަށް އަވަސް ގޮތެއްގައި ގެންދިޔަ ކަމަށްޓަކައި ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.

މި ޕޯސްޓަށް ގިނަ ބަޔަކު ސަމާލުކަން ލިބުނުއިރު ގިނަ ސެލެބްރިޓީންނެއް ވެސް ވަނީ އަމީޔާބަކީ ވަރަށް "ކޫލް" މީހެއް ކަމަށް ބުނެ ޕޯސްޓަށް ކޮމެންޓްކޮށްފައެވެ.

އެކްޓަރު އަމީތާބު މިހާރު މަސައްކަތް ކުރަމުންދަނީ ދީޕިކާ ޕަޑުކޯން އާއި ޕްރަބާސް އާއެކު ކުޅޭ ފިލްމު "ކޭ ޕްރޮޖެކްޓް"ގައެވެ. އެ ފިލްމަކީ އަޝްވިން ނާގް ޑައިރެކްޓްކުރާ ހިންދީ އަދި ތެލުގޫ ބަހުން އެއްފަހަރާ ޝޫޓްކުރަމުންދާ ފިލްމެއްވެސްމެއެވެ. މި ފިލްމުގެ އިތުރުން އަމީތާބު ވަނީ ކޯޓްރޫމް ޑްރާމާ ފިލްމު "ސެކްޝަން 84"ގެ މަސައްކަތް ވެސް ފަށާފަ އެވެ.