ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އާއިލީ މައްސަލަތައް އުފަންވުމާއި އާއިލާ ރޫޅެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ އުފާވެރި ޒަވާޖީ ހަޔާތަކަށް ތައްޔާރުނުވެ ކައިވެނިކުރުންކަން އެ ކޯޓުގެ އިސް ގާޒީ އިބްރާހީމް މާހިރު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ގާޒީ މާހިރު ވިދާޅުވީ ކައިވެނީގެ ޕާޓީގެ ކަންކަމާ މަޝްވަރާކުރެވޭ ވަރަށްވެސް ދިރިއުޅޭނެ ތަނާއި ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއި ޒިންމާތައް ބަހާލުމާއި އާއިލާ ދިރިއުޅުން ބައްޓަންކުރުމަށް ބޭނުންވާ ގޮތާއި ސިއްހީ މައްސަލައެއް ހުރިނަމަ އެކަމުގައި އަމަލުކުރާނެ ގޮތް ފަދަ ދެމަރިންނާ ސީދާ ގުޅުން ހުރި މުހިއްމު ކަންކަމަށް މަޝްވަރާ ނުކޮށް ޒަވާޖީ ހަޔާތް ފެށުމަކީ މައްސަލަތައް ޖެހުން އަވަސްވާ ސަބަބުތަކެއް ކަމަށެވެ.
ދެމަފިރިއެއްގެ ދެމެދު މައްސަލަތައް ޖެހުމުން ދެމަފިރިންނާއި ދަރިންނަށް އެންމެ ފައިދާ ހުރި ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އަވަހަށް ކައިވެނި ރޫޅާލުމަށް އާއިލާގެ ތެރެއިންނާއި ރައްޓެހިންގެ ފަރާތުން ހިތްވަރުދެ ކަމަށްވެސް ގާޒީ ފާހަގަކުރެއްވިއެވެ.
ގާޒީ މާހިރު ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު އާންމުކޮށް އެންމެ ގިނައިން ހުށަހެޅެނީ ދެމަފިރިން ނުވަތަ ވަރިވެފައިވާ މީހުންގެ މައްސަލަތައް ނަމަވެސް ދަރިންގެ ފަރާތުން މައިންބަފައިންނަށް ގެވެށި އަނިޔާ ލިބެމުންދާތީ ރައްކާތެރިކަމަށް އެދި ހުށަހެޅޭ މައްސަލަތައް މިފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ދަރިންނަކީ މައިންބަފައިންނަށް ލޯތްބާއި އަޅާލުމާއި ހިމާޔަތާއި އަމާންކަމާއި ލޮލަށް ފިނިކަން ގެނުވާ ބަޔަކަށްވާން ޖެހުނު ނަމަވެސް ބައެއް އާއިލާތަކުގައި މައިންބަފައިންގެ ހިތުގައި އަޅަމުންދާ ވޭން ކޯޓުގައި އެމައިންބަފައިން އަޅާކަރުނައިން ފާޅުވާ ކަމަށްވެސް ގާޒީ މާހިރު ވަނީ ވިދާޅުވެފައެވެ.
މާހިރު ވިދާޅުވީ ދަރިންގެ ހަރަދު ހޯދައިދިނުމަށް އެދި އެ ކުދިންގެ މަންމައިން ރޯމަންޒަރާއި ދަރިންނާ ބައްދަލުވާނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި ކުދިންގެ ބައްޕައިން އާދޭސްކުރާ މަންޒަރަކީ ކޯޓުން ފެންނަ ހިތްދަތި މަންޒަރުތަކެއް ކަމަށާއި ކައިވެނި ރޫޅުމަށްފަހު ދަރިންނާ ގުޅުންހުރި ކަންކަން އެފަދަ ހާލަތަކަށް ގިނަ ފަހަރަށް ދަނީ އެއީ ދަރިންގެ މަންމައަށް ނުވަތަ ބައްޕައަށް ކޮށްދޭ ކަމެއްގެ ގޮތުގައި ވިސްނޭތީ ކަމަށެވެ.
ދަރިންނަށް ހަރަދު ލިބުމާއި މައިންބަފައިންނާ ބައްދަލުކޮށް އެކުގައި ވަގުތު ހޭދަކުރުމަކީ އެކުދިންގެ ހައްގެއްކަން ދަނެ އެ ހައްގުން އެ ކުދިން މަހްރޫމް ނުކުރުމުގެ ވިސްނުން އިސްކުރާ ނަމަ ކައިވެނި ރޫޅުމަށްފަހު ޖެހޭ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ ކަމަށާއި އުފާވެރި އާއިލީ ވެއްޓެއް ހޯދުމަށްޓަކައި އިލާހީ އަމުރުތަކަށް ދެމަފިރިން ވެސް ތަބާވާން ޖެހޭ ކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.