ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރު ހައްޔަރު ކުރީ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކަށް ދިވެހި ފުލުހުންގެ ހިދުމަތާއި އެ ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އޮފިސަރަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ބަންދު އަމުރުގައި ވަނީ، ފުލުހުން އޭނާއަށް ތުހުމަތުކުރާ ކުށް ކުރިކަމުގެ މިންވަރަށް ހެކި ލިބިފައި ވާކަމަށެވެ. ފުލުހުން ހުށަހެޅި ބަޔާނުގައި ވަނީ އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައި ވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ޖަލު އޮފިސަރު ވަނީ ސަސްޕެންޑް ކޮށްފައެވެ.