ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި އަންނަ މަހު 2 ވަނަ ދުވަހު ބޮޑު އެެއްވުމެއް ބާއްވަން އެ މައްސަލާގައި އެކުލަވާލި ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން ނިންމައިފިއެވެ.
އެ ކޯލިޝަނުގެ ފަރާތުން މިރޭ ޖެން ހޮޓަލުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކަނޑުން ބައެއް ގެއްލުނު މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލާގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް އެކުލަވާލާފައި ވާ އިއްތިހާދަކީ ސިޔާސީ ފިކުރުތައް އެކަހެރި ކުރުމަށް ފަހު ގައުމީ ވިސްނުމެއްގައި މަސައްކަތް ކުރަން ނިކުމެ އޮތް ކޯލިޝަނެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު ޖަލްސާއެއް އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭގައި ބާއްވާނެ ކަމަށާއި އެ އެއްވުމަކީ އެއްވެސް ހާލެއްގައި ސިޔާސީ އެއްވުމެއް ނޫން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލާގައި ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް މިރެއިން ފަށައިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މިރޭ ހުޅުވައިލާ ޕެޓިޝަނާ ގުޅޭ ގޮތުން ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވީ މި ޕެޓިޝަނަކީ ސަރުކާރުން މި މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވައިލާ ގޮވައިލުމެއް ކަމަށާއި ކަނޑުގެ ސަރަހައްދު ދޫކޮށްލުމަކީ ގަބޫލުނުކުރާނެ ކަމެއްކަމަށާއި އެ ނިންމުން ބަލައި ނުގަންނާނެ ކަން އިޓްލޮސްއަށް އެންގުމާއެކު 200 ނޯޓިކަލް މޭލުގެ އިގުތިސޯދީ ސަރަހައްދު ހޯދުމަށް މަސައްކަތް ކުރުމަށާއި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް އެދުންވެސް ހިމެނޭ ކަމަށެވެ.