މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނުދައްކާ އޮތް 2 މިލިއަން ރުފިޔާގެ ޖޫރިމަނާ ހޯދަން ދައުލަތުން ކޯޓަށް ހުށަހަޅައިފިއެވެ.

އަދީބުގެ މައްޗަށްކުރި 8 ދައުވާއެއް ސާބިތުވެ އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި މަނީ ލޯންޑަރިންގެ 2 ދައުވާއެއް ސާބިތުވެ 1 މަސް ދުވަހުގެ ތެރޭގައި 2 މިލިއަން ރުފިޔާ ދެއްކުމަށް 2020 ވަނަ އަހަރު އަދީބުގެ މައްޗަށް ހުކުމްކޮށްފައި ވީ ނަމަވެސް އެ މުއްދަތުގައި އަދީބު އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލުހުކުމެއް އިއްވާ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހެދުމަށްފަހުއެވެ. އެ އެބަސްވުމުގެ ދަށުން އޭނާ ވަނީ 7 ދައުވާއަކަށް އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދައުލަތުން ވަނީ އަދީބުއަށް އަދަބު ލުއިކޮށްދީފައެވެ.

އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން އަދީބާ ދެކޮޅަށް ސިވިލް ކޯޓުގައި މިހާރު ދައުވާކޮށްފައިވާއިރު އަދި އެ މައްސަލައިގެ ހުކުމެއް އިއްވާފައެއް ނުވެއެވެ.

އަދީބުގެ ސިއްހީ ހާލަތު ތަންނުދޭތީ ކަމަށް ބުނެ އޭނާ ވަނީ ގޭ ބަންދަށް ދޫކޮށްލާފައެވެ.