ތިލަ މާލެ ބްރިޖް މަޝްރޫއާ ގުޅިގެން ކުރާ މަސައްކަތުގައި އަނެއްކާވެސް ވިލިމާލެ ފަރަށް ބާޖެއް އެރިކަމަށް ބުނާ މައްސަލައިގައި ފަރަށް ލިބުނު ގެއްލުން ބެލުމަށް އެފްކޯންސް ކުންފުނިން ވަގުތު ނުދޭތީ އެ ސާވޭ ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
މި މަހުގެ އެއް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވިލިމާލެ ފަރާ ދިމާލުގައި ބްރިޖުގެ މަޝްރޫއަށް ބޭނުން ކުރަން އަޅާފައިވާ "ފްލޯޓިން ބެޗިން ޕްލާންޓް"ގެ ނަގިލި ކަހާލައިގެން ފަރާ ދިމާއަށް ގޮސްފައިވާ ކަަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވެއެވެ. ނަމަވެސް އެ ޕްލާންޓް ފަރަށް ނާރާ ކަމަށާއި އެ ވަގުތު އެ ފްލޯޓް ވަގުތުން ނަގާފައިވާ ކަމަށް އޭރު ބުންޏެވެ. މިކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ހިއްސާ ކުރަމުން އަންނާތީ އީޕީއޭ އިން ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަަމަށް އޭރު ބުނެެފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ، އެ މައްސަލަ އަދިވެސް ބަލަމުން އަންނަ ކަަމަށާއި ސާވޭގެ ކަންކަން ކުރިއަށް ނުގެންދެވި މަޑުޖެހިފައިވާ ކަމަށެވެ. ސާވޭ ކުރުން ލަސްވާ ސަބަބު ހިއްސާ ކުރައްވަމުން ނައީމް ވިދާޅުވީ، ސާވޭ ކުރަން އީޕީއޭއިން ދާނީ އެފްކޯންސްގެ ބަޔަކާ އެކުގައި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް އެފްކޯންސް އަށް އެ ސާވޭ ހިންގުމަށް ވަގުތު ދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބާޖެއް" ފަރަށް އަރާފައިވާ ކަަމަށް ބުނެ އާންމުން ވަނީ ތިލަމާލެ ބްރިޖް މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުކިޔާފަވެ. އެއީ މީގެ ކުރިން ވެސް ބްރިޖް މަސައްކަތަށް ބޭނުން ކުރި ފްލޯޓެއް ފަރަށް އަރާފައި ވާތީ، ގިނަ ބަޔަކު ކަންބޮޑުވުން ހިއްސާ ކުރަމުން އަންނަނީ މި މަޝްރޫއުގެ ސަބަބުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ބުނަމުންނެވެ.
މީގެ ކުރިން ބްރިޖްގެ މަސައްކަތަށް ބޭނުން ކުރި ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު މޫސުން ގޯސްވެފައި އޮތް ދުވަސްވަރެއްގައި ހިނގި މި ހާދިސާގައި އެ ޕްލެޓްފޯމް ފަރުމަތިން ނެގުނީ ވެސް ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އަދި އެކަމުން ވިލިމާލެ ފަރުގައި ފުން ވަޅުގަނޑުތައް ހެދި ގެއްލުންތައް ލިބިފައި ވުމުން ބްރިޖްގެ މަސައްކަތް ކުރަމުން ދިޔަ އެފްކޯންސް ކުންފުނި ވަނީ 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.
އަދި މިހާތަނަށް އެފްކޯންސް އިން މި ޖޫރިމަނާގެ ފައިސާ ދައްކާފައެއް ނުވެއެވެ. އެ ފައިސާ ނުދައްކާތީ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު އެ ފައިސާ މައާފް ނުކުރާނެ ކަމަށް އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ.