އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިިދިޔަ އަހަރު 420 ހަރަކާތަށް 43.23 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައި ވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނީ ވޭތުވެދިޔަ އަހަރަކީ ކުންފުނީގެ ތާރީހްގައި އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ލާބައަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދިން އަހަރު ކަމަށެވެ. މިގޮތުން މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރި ކ.ކުޑަގިރިއަށް 13 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މިއީ އެމްޓީސީސީގެ ތާރީހްގައި އިޖުތިމާއީ ޒިންމާގެ ދަށުން އެއް މަޝްރޫއަކަށް ހޭދަކުރި އެންމެ ބޮޑު އަދަދު ކަމަށެވެ.

އެމްޓީސީސީ އިން މިދިޔަ އަހަރު އުމްރާނީ ތަރައްގީގެ އާ 65 މަޝްރޫއުއަކާއި ހަވާލުވެ 42 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ލިބުނެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 324.16 މިލިއަން ރުފިޔާ ލިބުނުއިރު ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާއަކީ 229.53 މިލިއަން ރުފިޔާއެވެ.

ވިޔަފާރިތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަގްސަތައް ހާސިލްކުރުމަށް ހިކުމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، އެފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާ ކަމަށް ކަމަށް އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 4 ރުފިޔާގެ މަގުން ޖުމްލަ 32 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.