އެއްކޮށްލުމުން ބައި މިލިއަން އަކަފޫޓަށް ވުރެ ބޮޑުވާ ދެ ބިމެއް ކ. ތިލަފުށިން ވިލާ ޝިޕިން ކުންފުންޏަށް 228.8 މިލިއަން ރުފިޔާ އަށް ވިއްކައިފިއެވެ.
ގާސިމްގެ މަސްލަހަތު އޮންނަ ވިލާ ޝިޕިން ކުންފުނިން ގަނެފައި ވަނީ 393،212 އަކަފޫޓުގެ ބިމަކާއި 156،693 އަކަފޫޓުގެ ބިމެކެވެ. ސިވިލް ކޯޓުގެ ކޮށްފައި ވާ ހުކުމެއްގައި ވާ ގޮތުން، އާބަންކޯ އިން ވިލާ ކުންފުންޏަށް މި ދެ ބިން ވިއްކާފައި ވަނީ 228،793،642 ރުފިޔާ އަށެވެ.
މި ދެ ބިން ގަނެވިއްކުމުގެ މުއާމަލާތް ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރުމަށް ހުށަހެޅީ މިދިޔަ މާޗް މަހުގެ 29 ގައެވެ. އެ މައްސަލަ ނިންމައި ވިލާ ކުންފުންޏާ ބިންތައް ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ ހުކުމްގައި ވާ ގޮތުން، މިދިޔަ މާޗް މަހުގައި ވިލާ ކުންފުނިން ވަނީ އާބަންކޯ އަށް ހުރިހާ ފައިސާ އެއް ދައްކައި ހަލާސް ކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ، 2008 ވަނަ އަހަރުގެ ކުރިން ވިލާ ކުންފުނިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފްލެޓް އެޅުމަށް އަގު ދައްކައި ގަނެފައިވާ ބިމެއް އެބައޮތް ކަމަށާއި، އެ ބިމުގައި އެހެން ފަރާތަކުން އިންވެސްޓް ކުރުމަށް ބޭނުން ވުމުން، ދައްކާފައިވާ ފައިސާގެ ބަދަލުގައި އާބަންކޯ އަށް އެ ބިން ވިލާ ކުންފުނިން ދޫކޮށްލީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ފައިސާގެ ބަދަލުގައި ތިލަފުށީގައި ވިލާ ކުންފުނިން ޒަމާނުއްސުރެ ކުއްޔަށް ނަގައިގެން ދެ ބިމެއްގައި ހިންގަމުން ގެންދާ ވިލާ ގޭސް ޕްލާންޓް ހިމެނޭ ބިމާއި ސިމެންތި ބެޗް ޕްލާންޓް ހިމެނޭ ބިމުގެ ކުލީގެ މުއްދަތު ހަމަވުމުގެ ސަބަބުން އެ ދެ ބިމުގައި ކުރަމުންދާ ގޭސް ޕްލާންޓާއި ސިމެންތި ބެޗް ޕްލާންޓްގެ މަސައްކަތްތައް ހުއްޓާލާ އެހެން ތަނަކަށް މަސައްކަތްތައް ބަދަލުކުރަން ޖެހިދާނެތީ، ހުޅުމާލޭގެ ބިން ދޫކޮށްލައި، އެ ދެ ބިން ގަތީ ކަމަށެވެ.
"އެ ދެ ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓް ރޫޅާ އެހެން ތާކަށް ރީލޮކޭޓް ކުރުން ނުވަތަ ހުއްޓާލަން ޖެހިދާނެތީ ހުޅުމާލޭގައި ވިލާއަށް އޮތް، ނުހަނު ޕްރައިމް ބިމެއް ދޫކޮށްލާ ވިލާއިން އިހްތިޔާރު ކުރީ ދެމެހެއްޓެވިނި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ދިޔަ ވިލާ ގޭސް އަދި ވިލާ ސިމެންތި ފެކްޓްރީގެ މަސައްކަތް ހިނގަމުން ދިޔަ ދެ ބިމެވެ،" އަލީ ސޯލިހު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން މިހާރު ވެސް ތިލަފުށީގައި ބައެއް ބިންތައް ނަގައިގެން ވިޔަފާރި ކުޜާ އިރު އާބަންކޯ ނުވަލަ ހުޅުމާލޭގައި ވެސް އިތުރު ބިންތައް އެބަހުއްޓެވެ.