ހަސަން ކުރުސީގެ ނަމުގައި ހިންގާ 'ވަގު ޓުވިޓާ' އެކައުންޓަކުން އައްޑޫ ސިޓީ ކައުންސިލް ބަދުނާމުކުރާ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. "މިކަން ކުރާ ނުވަތަ ކުރުވާ މީހަކީ ދައްޖާލާ އެއްވަރުގެ ފިތުނަވެރިއެއް. ކައުންސިލުން މިކަން ބަލާ ތަހުގީގު ކުރުމަށް ފުލުހުގައި އެދެން" ނިޒާރުގެ ޓުވީޓްގައި ވިދާޅުވިއެވެ.
އައްޑޫ ސިޓީ މޭޔަރު ނިޒާރުގެ އިތުރުން އައްޑޫސިޓީ ކައުންސިލްގެ ޑެޕިއުޓި މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ އެބޭފުޅުން ބަދުނާމު ކުރަން ކިތަންމެ ވަރަކަށް އުޅުނު ކަމުގައި ވިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ހަގީގަތާއި ދޮގު ޕްރޮޕެގެންޑާތައް ވަކިކުރަން އައްޑޫސިޓީގެ ރައްޔިތުން ދަންނަ ކަމަށް ޝުއާއު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޝުއާއު ވަނީ އައްޑޫގެ ތަރައްގީއަށް ހުރަސް އަޅަނީ ކޮން މަގްސަދެއްގައިތޯ ސުވާލު ކުރައްވާފައެވެ.
'ހަސަންކުރުސީ'ގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓުން ވަނީ ތްރީ އެސް އާއި މޭރީ ބްރައުންއަށް ބިން ދިނުމުގައި ކޮރަޕްޝަނާ ރިޝްވަތުގެ އަމަލުތައް ހިނގާފައި ވާކަމަށް ބުނެ މިކަމުގައި ބައިވެރިވާ ކައުންސިލަރުންގެ ފޮޓޯ އާއި ވަނަވަރު ހާމަކޮށްފައެވެ.
އައްޑޫ ސިޓީ ހިތަދޫގައި ސިމެންތި ގުދަނެއްގެ ގޮތުގައި ހިންގި އެޕޯލޯ ގުދަން ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ވާކަމަށް ތުހުމަތުކޮށް ހަސަން ކުރުސީ ބުނީ އެޕޯލޯ ގުދަން ކުއްޔަށް ދިނުމުގައި ފުރަތަމަ ބިޑް ކޮމެޓީ އުވާލާ ދެވަނަ ކޮމެޓީއެއް އުފެއްދިކަން ހިތަދޫ އަވަށު އޮފީހުގެ ޑިރެކްޓަރު ޔަގީން ކޮށްދީފައި ވާކަމަށެވެ.