ބަލާ ބެލުމަށް ބޮޑު ސިޓީއެއް ވަރުގެ ބިޔަ އެމްބަސީއެއް ލުބުނާނުގެ ވެރިރަށް ބެއިރޫތާ ގާތްގަނޑަކަށް 13 ކިލޯމީޓަރު ދުރުގައި އެމެރިކާއިން ހަދަމުން އެބަގެންދެއެވެ.

ސައިޒްގެ ގޮތުން އެމެރިކާގެ ވައިޓްހައުސްގެ މުޅި ގޯތީގެ ދެގުނަ ބައި ނުވަތަ 21 ފްޓްބޯޅަ ދަނޑު ވަރުގެ މި އެމްބަސީ ހަދަމުން ގެންދާ ބޭނުމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައި ވާ އިރު މިއީ މެދުއިރުމަތީގައި އެމެރިކާއިން ހަންފެތުރުމަށް ތައްޔާރު ކުރާ މައި މަރުކަޒު ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މިހާރުވެސް އާބާދީގެ 80 ޕަސެންޓް މީހުން، ދުނިޔޭގެ ފަގީރު ކަމުގެ މިންގަނޑުން ދަށުގައި އޮތް ލުބުނާނުގައި މިފަދަ ބިޔަ ބޮޑު އިންވެސްޓްމަންޓެއް ކުރުމަކީވެސް ގިނަ ބައެއްގެ ފާޑުކިޔުން އެމެރިކާ އާއި ލުބުނާނަށް އަމާޒުވެފައި ވާ ކަމެކެވެ.

އެމެރިކާއިން ލުބުނާނުގައި ހަދާ މާސިންގާ އެމްބަސީގެ އެތެރޭގެ ކުރެހުމެއް

އާބާދީގައި އެންމެ 6 މިލިއަން މީހުން ދިރިއުޅޭ އެމެރިކާގެ ދެކުނު އިންގްލޭންޑްގެ ކަނެކްޓިކަޓަށް ވުރެ ކުޑަ ލުބުނާނުގެ 43 އޭކްކަރުގެ ބިމެއްގައި ހަދާ މި އެމްބަސީ ހަދަނީ އަވްކަރް ގައެވެ.

ފަތުރުވެރިންގެ ގޮތުގައި އެމެރިކާއިން ދަތުރު ކުރާ މީސްކޮޅު މަދު އަދި ދަތުރު ކުރުން ރައްކާތެރި ނޫން ގައުމުތަކުގެ ލިސްޓުގެ 3 ވަނައިގައި އެމެރިކާއިން ލުބުނާނު ހިމަނާފައި އޮންނަ އިރު މިއީ ސުޥާލު އުފައްދާ ކަމެކެވެ.

މި ކަމާ ގުޅިގެން ސޯޝަލްމީޑިއާގައި ފާޑުކިޔާ ބައެއް މީހުން ބުނެފައި ވަނީ "އެމެރިކާގެ ރައްޔިތުން ލުބުނާނަށް ބަދަލުވަނީ" ކަމަށެވެ.

ދެވަނަ މީހަކު ބުނެފައި ވަނީ، "ހީވަނީ ވިސާގެ ކަންކަން ހަމަޖައްސަން މިފަހަރު އެކަށީގެންވާ ވަރަށް ކޮޓަރި ހުންނާނެ" ކަމަަށެވެ.

އެމެރިކާއިން ލުބުނާނުގައި ހަދާ މާސިންގާ އެމްބަސީގެ އެތެރޭގެ ކުރެހުމެއް

އެމްބަސީން އާންމު ކުރި ފޮޓޯއަކުން ފެންނަނީ، ޑިޒައިނާއި ސައިޒްގެ ގޮތުން މިޒަމާނުގެ ކުރެހުންތެރިންގެ ފިހިން ކުރަހާލާފައި ހުރި ޒަމާނީ ބިނާއެއްގެ ގޮތަށެވެ. އެތައް ބުރިއަކަށް އުސްކޮށް އަދި ގިނަ ކުޑަ ދޮރުތަކާއެކު ދުރަށް ފެތުރިފައި އޮތް ސިޓީއެއްގެ ސިފައިގައެވެ. ކުޅިވަރު ކުޅޭނެ ތަންތަން ވެސް ހިމަނާފައި ވާ މި އެމްބަސީގައި ވަށައިގެން ބިޔަ ބޯ ގަސްތައް ނުވަތަ ޖަންގަލި އޮންނަ އިރު އޯޕަން ސްވިމިންޕޫލްތައްވެސް ހިމެނެއެވެ. މީގެ އިތުރުން ކޯޓު އިމާރާތެއްވެސް ހިމެނެއެވެ. އަދި މުވައްޒަފުންގެ އެކޮމަޑޭޝަނާއި އެމްބަސީއަށް ޒިޔާރަތް ކުރާ ފަރާރްތަކަށް ހާއްސަ އެކޮމަޑޭޝަންވެސް ހިމެނެއެވެ.

ކޮވިޑްގެ ޕެންޑަމިކާއެކު ލުބުނާނުގެ އިގުތިސޯދު ފުނޑުފުނޑުވެ އަސާސީ ބޭހާއި ކާބޯތަކެތިން އެތައް ބަޔަކު މަހުރޫމްވެފައި ވާ އިރު މި ހިންގާ ބޮޑު މަޝްރޫއަށް ފާޑުކިއި އެހެން މީހަކު ބުނެފައި ވަނީ "އެމީހުން ކޮންކްރީޓް ކާން ދޫކޮށްލާ" ށެވެ.

އެމެރިކާއިން ލުބުނާނުގައި ހަދާ މާސިންގާ އެމްބަސީގެ މަސައްކަތުގައި މުވައްޒަފުން

1 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއު ހިންގާ ލުބުނާނަކީ އިރާނުން މަދަދުދޭ ހިޒުބުއްލޯގެ އެންމެ ވަރުގަދަ ޖަމާއަތް ގާއިމުވެ އޮންނަ ގައުމެވެ. އެމެރިކާ އާއި އީރާނާ އާ ދެމެދު މައްސަލަތައް އޮތަސް ލުބުނާނުގެ ހިޒުބުއްލޯގެ ގުޅުން އެމެރިކާ އާ ރަނގަޅެވެ.

ހުސްވި މަހަކީ، ބެއިރޫތުގައި ކުރިން ހުރި އެމެރިކާގެ އެމްބަސީ ގޮއްވާލިތާ 40 އަހަރު ފުރުނު މަހެވެ. އެހާދިސާގައި 63 މީހުން މަރުވި އިރު އޭގެތެރޭގައި 52 މީހުން ހިމެނެއެވެ. ހަމަ އެއަހަރުގެ އޮކްޓޯބަރު މަހު ސުލްހަބަލަހައްޓާ އެމެރިކާ އާއި ފްރާންސްގެ ފައުޖުތައް ތިބި އިމާރާތްތަކެއްގައި ބޮން ގޮއްވި ހާދިސާއެއްގައި 229 މީހަކު މަރުވެފައި ވެއެވެ.