ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރަގެ މެންބަރު ހަސަން ޒަރީރަށް ދިން ހަމަލާ އާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަަމަށެވެ. މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރު އަދި 22 އަހަރުގެ މީހުންނެވެ.

ފުލުހުން ބުނީ އިއްޔެ އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ދީފައި ވާކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މަހުގެ 1 ވަނަ ދުވަހު ޒަރީރަށް ހަމަލާދީފައި ވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ. ފުލުހުން ބުނީ ޒަރީރަށް ހަމަލާދީފައި ވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުން ކޮށްގެން ކަމަށެވެ. މި ހަމަލާއާ ގުޅިގެން ޒަރީރަށް ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފަރުވަ ހޯއްދަވާފައެވެ.