ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ކޮޗިން އެއާޕޯޓުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ޔޫސުފް ފުއާދު ނަމަކަށް ކިޔާ މީހަކު ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

ސެންޓްރަލް އިންޑަސްޓްރީ ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުއާދު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން ހުރި 33 ކެޕްސޫލް ހިފައިގެން މާލެ އައުމަށް ކޮޗިން އެއާޕޯޓަށް ގޮސް ހުއްޓައެވެ.

އެތަކެތީގެ ބަރުދަނުގައި 325.5 ގްރާމް ހުރިއިރު އެތަކެތީގެ މަގުމަތީގެ އަގަކީ އިންޑިއާގެ 40 ލައްކަ ރުޕީސް ނުވަތަ 7.4 ލައްކަ ދިވެހި ރުފިޔާއެވެ.

ގާނޫނީ ފިޔަވަޅު އެޅުމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އޮފިޝަލުންނާ ފުއާދު ހަވާލުކޮށްފައިވާ ކަމަށް ސީއައިއެސްއެފް އިން ބުނެއެވެ.

މަސްތުވާތަކެތި މައްސަލާގައި ފުއާދު ހައްޔަރު ކޮށްފައި ވާއިރު ދާދިފަހުން ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 7 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ. އަދި މިދިޔަ އަހަރުވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އުމުރަށް ޖަލަށް ލުމަށް އެ ގައުމުގެ ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެއީ 265 ގްރާމްގެ ހިރޮއިން އެތެރެކުރި ކަމަށް ބުނެ 2016 ވަނަ އަހަރު ހައްޔަރު ކުރި ދިވެއްސެކެވެ.

މިއަދު މި ހިނގި ހާދިސާ އާ ގުޅިގެން ރާއްޖޭގެ އެއްވެސް އިދާރާ އަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.