ކ. ހިންމަފުށީފައު ހުުންނަ އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކަށް ދިވެހި ފުލުހުންގެ ހިދުމަތާއި ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްސޭރި ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި އޮފިސަރެއްގެ އަތުން އަތުލައިގަނެވިފައިވާ ކަމަށެވެ.
އެ އޮފިސަރު ހައްޔަރުކޮށްފައިވާއިރު ކަރެކްޝަންއިސް ސަސްޕެންޑުކޮށްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމުގައި މަދުންނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާކަމެއްގެ ގޮތުގައި ސީޕީ ފާހަގަކުރެއްވިއެވެ.
މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވާއިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މަސްތުވާތަކެތި ޖަލަށް ވައްދަން އުޅުނު ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ޖަލަށް ވެއްދުން މަނާ ތަކެތި ޖަލަށް ވައްދާ ބޭނުންކުރާ ކަމުގެ ޝަކުވާތައް ގިނަވެފައިވާއިރު އެގޮތުން ގިނަ އަދަދަކަށް ފޯނާއި ސިމް ކާޑު ފަދަ ތަކެތި ވައްދާ މައްސަލައަކީވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އަދި އެކަމުގައި އޮފިސަރުންގެ ދައުރު ބޮޑުކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.