ލޯބިވާ ދާއިރާތަކުން ކެރިއަރު ބިނާކުރުމުގައި އެތައް އަހަރެއް ހޭދަކުރުމަށް ފަހު ބައެއް މީހުން ދަނީ މިއީ އެ ކެރިއަރު ދޫކޮށްލަންވީ ވަގުތުތޯ ސުވާލު ކުރަމުންނެވެ.

އެންމެ ކުޑައިރުއްސުރެ ހަނދާންވާ ގޮތުންވެސް، އުމުރުން 33 އަހަރުގެ ވެނެސާ ކާޕެންޓިއާ ބޭނުންވީ ޖަނަވާރުންނާއެކު މަސައްކަތް ކުރުމަށެވެ.

ކެނެޑާގެ މޮންޓްރިއަލްގައި ދިރިއުޅޭ ވެނެސާއަށް ޔުނިވާސިޓީގައި ވެޓެރިނަރީ މެޑިސިން ކިޔެވޭނެ ފެންވަރުގެ ގްރޭޑްތަކެއް ނެތެވެ. ނަމަވެސް އޭނާ އެކަމާ ކަންބޮޑޮނުވެ، އޭގެ ބަދަލުގައި ވެޓެރިނަރީ ޓެކްނީޝަނެއްގެ ގޮތުގައި ތަމްރީނު ވާން ނިންމިއެވެ. އަދި މި ދާއިރާއިން ފުރަތަމަ ވަޒީފާ ލިބުމުން އޭނާ ހީކުރީ ދިރިއުޅުމުގައި ވަރަށް ބޮޑު ކަމެއް ހާސިލް ކުރެވުނު ޖަމަށެވެ.

އެކަމަކު ވެނެސާއަށް އެނގިގެން ދިޔައީ އޭނާ ހުވަފެން ދެކެމުން އައި ވަޒީފާއަކީ ހީވާހާ ހުވަފެނީ މަސައްކަތެއް ނޫން ކަމެވެ. ވިހަ އެކުވެރިންނާއި، ޖަނަވާރު ގެންގުޅޭ އަނިޔާވެރި މީހުންނާއި، އެކަށީގެންވާ މުސާރަ ނުލިބުމާއި މަސައްކަތުގައި ހޭދަކުރަން ޖެހޭ ވަގުތު ގިނަ ކަމުން، ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ވެޓެރިނަރީ މެޑިސިން މަސައްކަތް ކުރުމަށް އެކި ކްލިނިކްތަކުން ވަޒީފާވެސް ބަދަލުކުރިއެވެ. ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެއް މައްސަލަ ހައްލުވުމާއެކު އެހެން މައްސަލައެއް ފެންމަތިވާ ކަމަށް ވެނެސާ ބުންޏެވެ.

"ހެނދުނު 7 ޖަހާއިރު މަސައްކަތް ފަށާ ގޮތަށް ބައެއް ފަހަރު ނިމެނީ ރޭގަނޑު ވަރަށް ލަސްވާ ފަހުން. އަނެއްކާ ޖެހިގެން އަންނަ ދުވަހު 7 ޖަހާ އިރު ވަޒީފާއަށް ދާންޖެހޭ." ވެނެސާ ބުންޏެވެ. މަސައްކަތުގެ ޑިއުޓީ އެގޮތަށް އޮންނާތީއާއި، ގިނަ އިރުތަކެއް ވަންދެން މަސައްކަތުގައި އުޅެން ޖެހުމުން އާއިލާ އަދި ރައްޓެހިންނާއެކު ހޭދަ ކުރާނެ ވަގުތެއް ނުލިބޭކަމަށް އޭނާ ބުންޏެވެ. އަދި ހާލަކުން ފަހަރަކު ވަގުތުކޮޅެއް ލިބުނަސް، މަސައްކަތުގެ ސަބަބުން ވަރުބަލިވެފައި ހުންނާތީ، ރައްޓެހިން ނުވަތަ އާއިލާއާއެކު މަޖާކޮށްލަން ދާނެ ހިތްވަރުވެސް ގައިގައި ނުހުންނަ ކަމަށް ވެނެސާ ބުންޏެވެ.

ވެނެސާ ކޭޕެންޓިއާ

އެންމެ ކުޑަ އިރުއްސުރެވެސް ހުވަފެން ދެކެމުން އައި ވަޒީފާގައި 13 އަހަރު އުޅުމަށް ފަހު ވެނެސާ ވަނީ މިހާރު އެ ވަޒީފާ ދޫކޮށްލާފައެވެ. އެ ކެރިއަރު މަތިންވެސް މިހާރު ފޫހިވެފައިވާ ކަމަށް އޭނާ ބުންޏެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ ބޭންކެއްގައި ފްރޯޑް އެޖެންޓެއްގެ ގޮތުގައެވެ. އަމިއްލައަށް ފަސޭހަހެން ހީވާ ވަގުތު އަދި ބޭނުންތާކު އިނދެގެން މަސައްކަތް ކުރެވޭތީ، މިހާރު އޭނާ ހުންނަނީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ބުންޏެވެ. "މިހާރު އަމިއްލަ މީހައަށްޓަކާ ކަންތައް ކުރެވޭނެ ވަގުތު ލިބޭ. މުހިންމީ އަމިއްލަ މީހާ މެންޓަލީ ދުޅަހެޔޮކޮށް ހުރުން."

ކެރިއަރު ބަދަލުކުރުމުން ބައެއް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށްވެސް ވެނެސާ ބުންޏެވެ.

"ޖަނަވާރުންނާއެކު މަސައްކަތް ކުރި އިރު، އެހެން އަބަދު އަންނަ މީހުން އަހަންނަށް ވަރަށް އިތުބާރުކުރޭ. ނަމަވެސް މި އައު ވަޒީފާގައި ހުރިހާ ކަމެއްވެސް އަދި އަހަރެންނަށް ވަރަށް އައު. ނަމަވެސް، އަމިއްލަ ކަންކަމަށް މިހާރު ވަގުތުދެވޭ. އެހެންވެ، ކުރީގެ ކެރިއަރަކަށް ދެން އަނބުރާ ދާކަށް ދުވަހަކުވެސް"
ވެނެސާ

މަސައްކަތަށް ޝައުގުވެރިވާ އެތައް ބަޔަކަށް މިއީ މުހިންމު ވާހަކައެކެވެ. ގިނަ ބަޔަކު ލޯބިވާ ދާއިރާތަކުން މާނަހުރި ކެރިއަރުތަކެއް ބިނާކޮށް، ދިގު ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރެއެވެ. އެކަމަކު ގިނަ ހާލަތްތަކުގައި މި ހުވަފެނީ ވަޒީފާތައް ވިހަވުމުގެ ފުރުސަތު ވަރަށް ގާތެވެ. ހާއްސަކޮށް މި ޖީލުގައި، އިގްތިސާދީ ހަމަނުޖެހުންތަކުގެ ސަބަބުން ވިޔަސް، ނުވަތަ ވަރުބަލިވުމުގެ ސަބަބުން ކަމުގައި ވިޔަސް، އެ ވަޒީފާތައް އަދާނުކުރެވޭ ވަރުގެ ހާލަތްތަކަށް މީހުން ވަނީ ވެއްޓިފައެވެ. އަމިއްލަ ނަފްސާ ކުރަންވި ސުވާލަކީ މިއީ ތިމާ ލޯބިވާ ސިނާއަތް ދޫކޮށްލަންވީ ވަގުތު ހެއްޔެވެ؟

މިކަހަލަ ވަޒީފާތައް ދެމެހެއްޓެނިވި ގޮތެއްގައި އަދާނުކުރެވޭ އެއް ސަބަބަކީ، މަސައްކަތްތެރިންގެ އަގު ވަޒަން ނުކުރުމާއި، އެކަށީގެންވާ މުސާރަ ނުދިނުމެވެ. ނަމަވެސް ވަޒީފާއަށް އޮތް ލޯބީގެ ސަބަބުން އަދިވެސް އެ ވަޒީފާތައް އަދާކުރަނީއެވެ. އެމެރިކާގެ ޔުނިވާސިޓީ އޮފް މިޝިގަންގެ ސޯޝިއޮލޮޖީގެ އެސޯސިއޭޓް ޕްރޮފެސަރު އެރިން ޗެޗް ބުނި ވަޒީފާދެކެ ވާ ލޯބިން މަސައްކަތް ކުރާ މީހުން، ކުންފުނިން މުވައްޒަފުންނަށް އަޅާނުލި ނަމަވެސް މާ ބޮޑު ކަމެއްގެ ގޮތުގައި އެމީހުންނެއް ނުދެކެވެ. ކުންފުނީގެ މައްސަލަތަކުގެ ވާހަކަ އެމީހުން ދޭތެރެއަކުން ދެއްކި ނަމަވެސް، އެކަންތައް ބަދަލުކުރުމަށް އެމީހުން މާބޮޑު މަސައްކަތެއް ނުކުރާނެ ކަމަށް އެރިން ބުންޏެވެ. އެހެން ކަމުން ކުންފުނިތަކުން، އެފަދަ މީހުންގެ ނާޖާއިސް ފައިދާ ނަގާ، ކުންފުނީގެ ގިނަ މަސައްކަތްތައް އެމީހުން ލައްވާ ކުރާކަމީ ވަރަށް އާންމުވެފައިވާ ގޯސް އާދައެއް ކަމަށް އެރިން ބުންޏެވެ.

އެރިން ބުނިގޮތުގައި މިކަމުގެ ސަބަބުން ޕެޝަން އެކްސްޕްލޮއިޓޭޝަނަށް ވެސް މަގުފަހިވެދާނެއެވެ. ޝައުގުވެރިކަމާއެކު ގިނަ ވަގުތު މަސައްކަތް ކުރާ މަސައްކަތްތެރިންނަށް އެމީހުންގެ އިތުރު މަސައްކަތްތަކަށް އެކަށީގެންވާ ބަދަލެއް ނުލިބެއެވެ. ދެކުނު ކޮރެއާގެ ޒުވާނުން "ޕެޝަން ވޭޖް" މި ލަފުޒު އުފައްދައިފައި ވަނީ ވަޒީފާ ދޭ ފަރާތްތަކުން ޕެޝަން ބޭނުން ކުރަނީ މަދުން ފައިސާ ދިނުމުގެ ބަހަނާއެއްގެ ގޮތުގައެވެ.

މިފަދަ ހާލަތްތަކުގެ ސަބަބުން، ބައެއް ސިނާއަތްތަކުގައި ވަޒީފާގެ ސަލާމަތާއި ރައްކާތެރިކަމުގެ ކަންބޮޑުވުންތަކަށް އިތުރު ނުތަނަވަސްކަމެއް އައުމުން ބައެއް މަސައްކަތްތެރިން އެމީހުންގެ ޝައުގުވެރިވި ވަޒީފާތައް ދޫކޮށްލުމަށް ވިސްނަން މަޖުބޫރުކުރުވައެވެ.

ފުރަތަމަ ފިޔަވަޅަކީ މަސައްކަތުގެ މާހައުލަށް ވަރަށް ބުރަކޮށް ބަލައި، އެއީ ދެމެހެއްޓެނިވި މާހައުލެއްތޯ ބެލުމެވެ. އެރިން ލަފާދެނީ މަސައްކަތްތެރިން އެމީހުން އިތުރު ވަގުތު ހޭދަކުރަނީ ކިހާ ވަރަކަށްތޯ އާއި އެމީހުންގެ މުސާރައިން އެކަށީގެންވާ ގޮތެއްގައި ބަދަލު ދޭތޯ ބެލުމަށެވެ.

ވަޒީފާ ދޫކޮށް، ދެން އަދާކުރަނީ ކޮން ކަހަލަ ވަޒީފާއެއްތޯ އާއި، އެ ވަޒީފާއަކީ ކުރީގެ ވަޒީފާގައި ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް ނެތް ވަޒީފާއެއްތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް އެރިން ބުންޏެވެ. އަދި ވަޒީފާއަކީ ތިމާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ނޫން ކަމަށާއި، މަސައްކަތުގެ ބޭރުން އަމިއްލަ ދިރިއުޅުމުގެ މާނަ ހޯދުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ ލަފާދެއެވެ.