އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 4 ރުފިޔާގެ މަގުން ޖުމްލަ 32 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ނިންމައިފިއެވެ.

އެމްޓީސީސީއިން ބުނީ 4 ރުފިޔާގެ މަގުން ބަހަން ނިންމާފައިވަނީ 32,150,996 ރުފިޔާ ކަމަށެވެ.

މިއަދު ބޭއްވި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން އެހެން ނިންމާފައިވާއިރު އެމްޓީސީސީއިން ބުނީ ހިއްސާ ބަހަން ނިންމާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ކަމަށެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު 28.1 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު 2021 ވަނަ އަހަރު ލިބުނީ 224 މިލިއަން ރުފިޔާގެ ފައިދާއެކެވެ. އަދި 2020 ވަަނަ އަހަރު ވަނީ 190.69 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ.

އެމްޓީސީސީއިން މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާ ބަހާފައިވާއިރު 2020 އަހަރު ހިއްސާގެ ގޮތުގައި ބަހާފައިވަނީ 3 ރުފިޔާއެވެ.