މަހަކު 5،300ރ. ދައްކަން ޖެހޭ ގޮތަށް ހަދައި، 7 އަހަރު ވާންދެން ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދީފިއެވެ.

ހުޅުމާލެ ފޭސް 2 ގައި ގާއިމު ކޮށްފައިވާ ހިޔާ ފްލެޓްތަކަށް މި ހިނގާ މެއި މަހުން ފެށިގެން މަހަކު ދައްކަން ޖެހޭ ކުއްޔަކީ 5،300ރ. އަށް ހަދައި، ޖުމްލަ އަގު ދައްކަން ޖެހޭ މުއްދަތު އިތުރުކޮށް ދީފި އެވެ.

ރައީސް އޮފީހުގައި ހައުންސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ފިނޭންސް މިނސިްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއް ސައްތާރާއި އާބަންކޯގެ އެމްޑީ އަހުމަދު އާތިބު ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން އަދި އާބަންކޯގެ ވެރިން ވިދާޅުވީ، މި ބަދަލާއެކު ހިޔާ ފްލެޓްގެ ކުލި ކުޑަވަނީ ނޫން ކަމަށާއި ނަމަވެސް ހިޔާ ފްލެޓުގެ ކުލި ދައްކާ މުއްދަތު އިތުރު ކުރުމުން ކުލި ދައްކާ ފަރާތްތަކަށް ލިޔެއް ލިބެނީ ކަމަށެވެ. އަދި މި ބަދަލު ގެނައީ އެތަންތަނުގައި (ފްލެތް ތަކުގައި) ދިރިއުޅޭ މީހުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

މި ކަމާ ގުޅެ ގޮތުން ވާހަކަ ދައްކަވަމުން އަކްރަމް އިތުރަށް ވިދާޅުވީ، މި ގެނައި ބަދަލަކީ ކެމްޕެއިނާ ގުޅުން ހުރި ބަދަލެއް ނޫން ކަމަށާއި، ހިޔާ ފްލެޓްތަކަށް މީހުން ވަނީއްސުރެ ކުލީގެ ވާހަކަ ދައްކަމުން އައިސްފައި ވާ އިރު، އެކިފަރާތްތަކުގެ ޝަކުވާ އަޑުއެހުމަށް ފަހު މި ބަދަލު ގެނައީ ކަމަށެވެ.

ހިޔާ ފްލެޓްގެ ކުލި ދައްކަން ޖެހޭ މުއްދަތަށް ސަރުކާރުން އިތުރު ކޮށްދީ މި ގެނައި ބަދަލާއެކު ކުރިން ކަނޑައަޅާފައި އޮތް 25 އަހަރުގެ ތެރެއަށް 7 އަަހަރު އިތުރުވާނެއެވެ. އެހެން ކަމުން ދެން ކުލި ދައްކާ ހަލާސް ކުރަން ޖެހޭނީ 32 އަހަރުންނެވެ. ކުޑަކޮށްދިން ކުލީގެ ގޮތުގައި 5300ރ. އާއި މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1000ރ. އާ އެކު ދައްކަން ޖެހޭނީ ކުރިއަށް އޮތް 7 އަހަރަށް މަހަކު ޖުމްލަ 6300ރ. އެވެ. އޭގެ ފަހުން އިހު އޮތް ގޮތަަށް އިއާދަވާނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2 ގައި 25 ބުރީގެ 16 ޓަވަރު ހަދާފައި ވާ އިރު ކުއްޔަކީ މެއިންޓަނަންސް ފީ އާއެކު މަހަކު 8،500ރ. އެވެ. އެ ކޮންމެ ޓަވަރެއްގެ ފަންގެފިލާއެއްގައި 20 އެޕާޓްމަންޓް ހުރެއެވެ.

ހިޔާ ފްލެޓްގެ ކުލި މި ސަރުކާރުން ކުޑަކޮށް ދިން އިރު ހިޔާ ޔޫނިއަން އާއި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ކުޑަކޮށްދޭން އެދި މީގެ ކުރިން އެތައް ފަހަރު އިހުތިޖާޖު ކޮށް ޕެޓިޝަންތައްވެސް ހަދާފައި ވެއެވެ.