ސައުތު ބޭ އޮފް ބެންގޯލްގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަށް ބަދަލުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ 'މޯކާ' ގެ ނަމުން ނަންދީފައިވާ މި ތޫފާން މަޑުމަޑުން ހުޅަނގު އުތުރަށް ޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަދި މި ތޫފާންގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު ބަންގާޅުކަނޑުގައި އުފެދުނު ސައިކްލޯނިކް ސާކިއުލޭޝަން، ހޯމަ ދުވަހު ލޯ ޕްރެޝަރާ ކޮޅިގަނޑަކަށް ބަދަލުވެފައި ވާއިރު މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައި ވަނީ ބުދަ ދުވަހުއެވެ. އިންޑިއާގައި ގާއިމު ކޮށްފައިވާ ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނީ މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ލަފާކުރެވެނީ ހުކުރު ދުވަހު ކަމަށެވެ.

މި ތޫފާނުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމެންޓުން ތައްޔާރުވަމުން އަންނައިރު އެ އިދާރާއިން ބުނީ މި ތޫފާނުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އެ ގައުމުގައި ދިރިއުޅެމުންދާ ރޮހިންޔާގެ ރެފިއުޖީންނަށް ކަމަށެވެ. އެހެންކަމުން މިހާރުން ފެށިގެން އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އިދާރާއިން ބުނީ ބަންގްލަދޭޝްގެ ސަރުކާރުން ފާއިތުވި އަހަރުވެސް އަމަލުކުރި ފަދައިން އެ ގައުމުގެ ސިފައިންނާ، ނޭވީ އަދި ކޯސްޓްގާޑްވެސް އެލާޓަށް ގެނެސްފައި ވާކަމަށާ އެމީހުން ތިބީ ކުއްލި ހަލާތުގައި ދިމާވެދާނެ ކަމަކަށް ތައްޔާރަށް ކަމަށެވެ.