މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ޓައިގެ ފުރަތަމަ ލެގުގައި ރޭ އިޓަލީގެ މިލާންގެ ދެ ޓީމު ކަމަށްވާ އޭސީ މިލާންއާއި އިންޓާ މިލާން ވާދަކުރި މެޗު 2-0 އިން އިންޓާ ކާމިޔާބުކޮށްފިއެވެ.
ދެ ޓީމުގެ ވެސް ދަނޑު ކަމަށްވާ ސަންސީރޯގައި 80،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗު އިންޓާއިން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ 11 މިނެޓްގެ ތެރޭގައި ޖެހި ދެ ލަނޑާއެކުއެވެ.
މި ގޮތުން މެޗުގެ ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ 8 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ތަޖުރިބާކާރު ސްޓްރައިކަރު އެޑިން ޖެކޯއެވެ.
އެއަށް ފަހު މާ ގިނަ އިރު ތަކެއް ނުވެ މެޗުގެ 11 ވަނަ މިނެޓްގައި އިންޓާއިން އިތުރު ލަނޑެއް ޖަހާ ނަތީޖާ ފުޅާ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިޑްފީލްޑަރު ހެންރިކް މިކްތެރޭނިއަންއެވެ.
އިންޓާއަށް ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. ދެވަނަ ހާފްގައި އޭސީ މިލާންއިން ކުޅުނު ރަނގަޅު ކުރިއެވެ. އަދި ސްކޯލައިންގެ ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ 2-0 އިން އިންޓާ މޮޅުވެގެންނެވެ.
މި ޓައިގެ ދެވަނަ ލެގް އޮންނާނީ އަންނަ އަންގާރަ ދުވަހު ހަމަ ސެން ސީރޯ ސްޓޭޑިއަމްގައެވެ. އޭސީ މިލާންއަށް ފައިނަލަށް ދެވޭނީ ބައިކޮޅަށް ގޯލެއް ނުވައްދާ އިންޓާ ކޮޅަށް ދެ ގޯލަށް ވުރެ ގިނައިން ލަނޑު ޖަހައިގެންނެވެ.
އަންނަ ހަފްތާގެ މެޗުން އެއްވަރުވެގެން ވެސް އިންޓާއަށް ފައިނަލުން ޖާގައެއް ކަށަވަރުވާނެއެވެ. ފައިނަލްގައި ކުޅެން ޖެހޭނީ ސްޕެއިންގެ ރިއާލް މެޑްރިޑް ނުވަތަ އިންގްލޭންޑް މެންޗެސްޓާ ސިޓީއާއެވެ.