އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިހާރު ތިބި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައިހުންނަންޖެހޭ ސިފަތައް:
-
މުސްލިމަކު ކަމުގައިވުން
-
ދިވެހި ރައްޔިތަކު ކަމުގައިވުން
-
އުމުރުން 25 އަހަރު ވެފައިވުން
-
އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
-
ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
-
ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
-
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 5 އަހަރު ވެފައިވާ މީހަކު ކަމުގައިވުން
-
ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރު، ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމުގެ އިތުރުން ކުރިމަތިލާ ފަރާތުގެ ވަނަވަރު ރައީސް އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 13:30 އަށް ރައީސް އޮފީހުންނެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެހެން ހުރިއިރު ރައީސް އޮފީހުގެ ވެބްސައިޓްއިން ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.