ޗައިނާ ސަރުކާރު މީޑިއާ ސީޖީޓީއެން ނިއުސް ނެޓްވޯކްގައި ބިޒްނަސް ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އޮސްޓްރޭލިއާ އަށް ނިސްބަތްވާ ނޫސްވެރިޔާ ޗެންގް ލީ ހައްޔަރު ކޮށްފައި ހުންނަތާ 1000 ދުވަސް ވެއްޖެ ކަމަށް ހަބަރުތައް ބުނެފިއެވެ.

އޭނާގެ ބޯއީފްރެންޑާ ހަވާލާދީ ބީބީސީން ބުނީ، އެއްދުވަހަކު ލީ ސްޓޭޝަންގައި އިންދާ ސަލާމަތީ ބާރުތަކުން އައިސް އޭނާ ގެންދިޔައީ ކަމަށެވެ. ވީ ގޮތެއް، ތުހުމަތެއް، ކުރީ ކީއްކަމެއްވެސް އަދި އަދާ ހަމައަށް ވެސް ބުނެފައި ނުވާ ކަމަށެވެ.

އޮގަސްޓް 13، 2020 ގައި އެހާދިސާ ހިނގިފަހުން މިހާރު 1000 ދުވަސް ފައިތުވެގެން ދިޔަ އިރު ތަހުގީގެއްވެސް ހިންގާފައި ނުވުމުން ކަންބޮޑުވުން ފާޅުކޮށް ޗައިނާގެ އިދާރާތަކަށް ބޯއީފްރެންޑް ގޮވަލާފައި ވަނީ އެކަން އަވަހަށް ނިންމައިދިނުމަށެވެ.

ހަބަރުތައް ބުނާގޮތުން އޭނާ ހައްޔަރު ކުރީ ދައުލަތުގެ ސިއްރު ބޭރުގެ ފަރާތްތަކަށް ހިއްސާ ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް އެކަން އެއްވެސް އިދާރާއަކުން ހާމަ ކޮށްފައި ނުވާއިރު ފުރަތަމަ 6 މަސް ދުވަހު އޭނާ ބެއިންދީ އެކަހެރި ޖަލެއްގައި ކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އޭނާ އަށް އަސަރުތަކެއް ކޮށްފައި ވާ ކަމަށް ބޯއީފްރެންޑް ބުނެއެވެ. އަދި އެ މުއްދަތުގައި އޭނާ އަށް ގާނޫނީ ވަކީލެއްގެ އެހީވެސް ލިބުނަ ނުދިން ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ޗައިނާގައި ހުންނަވާ އޮސްޓްރޭލިއާގެ އެމްބެސެޑަރު އޭނާ އާ ބައްދަލު ކުރައްވަން އެދިވަޑައިގަތުމުންވެސް އެފުރުސަތުވެސް ވަނީ ނުދީފައެވެ.

އޭގެ ފަހުން އޭނާ އެތަނުން ނެރެ އެހެން ގައިދީންނާ އެކު ހައްޔަރު ކޮށްފައި ވާ އިރު މިދިޔަ މަހުގެ މާޗް މަހު ވަނީ ޝަރީއަތް ފަށާފައެވެ. ނަމަވެސް ހުކުމެއް ނުކޮށް ލަސް ކުރަމުން ލަސްކުރަމުން ގެންދާ ކަމަށާއި އެކަމާ ކަންބޮޑުވާކަމަށް ބޯއީފްރެންޑް ނިކް ކޮއިލް ބުނެފައި ވެއެވެ. ނިކް ކޮއިލް އަކީ ޗައިނާ-އިސްޓްރޭލިއާ ޗެމްބާ އޮފް ކޮމާސްގެ ކުރީގެ ޗީފް އެގްޒެކެޓިވް އެވެ.

އޮސްޓްރޭލިއާ އަށް ނިސްބަތްވާ މިފަދަ އެހެން މީހަކުވެސް އެފަދަ މައްސަލައެއްގައި ބަންދުކޮށްފައި ވެއެވެ. ޔޭންގް ހޭންޖުން ނަމަކަށް ކިޔާ އެމީހާގެ ޝަރީއަތްވެސް ދިގު ދަންމަމުން ދަންމަމުން ގެންދާ ކަމަށް ހަބަރުތައް ބުނެއެވެ.

ޗައިނާގައި "ދައުލަތުގެ ސިއްރު" މާނަ ކުރަނީ އެވަގުތަކު ހިތައް އެރި ގޮތަކަށް ހިތައް އެރި ކަމެއްގައެވެ. ޗައިނާ އާއި އޮސްޓްރޭލިއާ އަކީ އެހާ ގުޅުން ރަނގަޅު ދެގައުމެއް ނޫނެވެ. އެގޮތުން ޗައިނާއިން އޮސްޓްރޭލިއާ އާ ދެކޮޅަށް ބައެއް ކަހަލަ ފިޔަވަޅުތައްވެސް އަޅާފައި ވެއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާގައި އުފައްދާ ވައިން (ރާ)، އަދި ބާލޭ އާއި ލޮބްސްޓާ އެތެރެ ކުރުން އޮންނަނީ މަނާ ކޮށްފައެވެ. އޮސްޓްރޭލިއާ އާއި ޗައިނާ އާ ދެމެދު ނުތަނަވަސްކަން އެތައް ދާއިރާއެއްގައި އޮތް އިރު އެމެރިކާއާ ބައިވެރިވެ އޮސްޓްރޭލިއާ އިން ސަލާމަތީ ގޮތުން ބާރުގަދަ ކުރުމާއި އެމެރިކާގެ އަސްކަރީ ބޭސްތައް ގާއިމު ކުރަން ފުރުސަތު ދިނުން ފަދަ ޖިއޯ ޕޮލިޓިކަލް މައްސަލަތައްވެސް ހިމެނެއެވެ. އޮސްޓްރޭލިއާ އަކީ، ޖަޕާނާއި، އިންޑިއާއާއި އެމެރިކާ ގުޅިގެން އުފައްދާގައި އޮންނަ ކްއަޑްގެ މެންބަރެއްވެސް މެއެވެ.