ދެ ދަރިންނަށް ހަރަދު ނުދިން މައްސަލައިގައި ބައްޕަގެ މަހު މުސާރަ، ވަޒީފާ އަދާކުރާ އިދާރާ މެދުވެރިކޮށް ކޯޓަށް ޖަމާ ކުރުމަށް މެޖިސްޓްރޭޓް ކޯޓަކުން ހުކުމް ކޮށްފިއެވެ.
މިގޮތަށް އަމުރު ކޮށްފައިވަނީ ދެ މީހުން ވަރި ވުމަށްފަހު ދެ ދަރިންގެ ހަރަދަށް ކޯޓު މެދުވެރިކޮށް ދޭންޖެހޭ 3000 ރުފިޔާ ކޮންމެ މަހަކު ދޭން ބައްޕަ އެއްބަސްވެ 2019ގައި ހުކުމްކޮށްފައި އޮތް އޮތުމާ ހިލާފު ވުމުންނެވެ. އެކުދިންގެ ބައްޕައަކީ ސަރުކާރުގެ ރަނގަޅު ވަޒީފާއެއްގައި ހުރި ފަރާތެއް ނަމަވެސް ގަވާއިދުން ފައިސާ ނުދައްކާ ކަމަށް ކޯޓުގައި އޭނާ އަމިއްލައަށްވެސް ވަނީ އެއްބަސްވެފައެވެ. އަދި ނުދައްކާ އޮތް ފައިސާ ބަހާލައިގެން ދެއްކުމަށް އެއް އަހަރުގެ މުއްދަތެއް ދިނުމަށް އޭނާ ވަނީ ކޯޓުގައި އެދިފައެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އިއުތިރާޒް ނުކުރާ ކަމަށް އަންހެން މީހާ ކޯޓުގައި ބުނި ނަމަވެސް އޭނާ އެދުނީ މުސާރައިން އެބައި އުނިކޮށް ލިބޭނެ ގޮތެއް ހައިދިނުމަށެވެ. އަދި މުސާރައިން އުނިކުރުމަށް ފިރިހެންމީހާ އިންކާރު ކުރުމުން މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މައްސަލައަކީ ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމެއް ކަމަށެވެ.
އެހެންކަމުން، އާއިލާ އާ ބެހޭ ގަވާއިދުގެ މަތިން، ދަރިންގެ ހަރަދަށް ދޭން ޖެހޭ ފައިސާ ފަސް މަހުގެ ތެރޭގައި އޭނާގެ މުސާރައިން އުނިކޮށް ނަގައިދިނުމަށް ގާޒީ ވަނީ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އަމުރުކޮށްފައެވެ. އެއީ މަހަކު 5،847ރ އާއި ދެ ދަރިންނަށް ކޮންމެ މަހަކު ދޭން ޖެހޭ 3،000 ރުފިޔާއެވެ. ދެ ދަރިންނަށް ޖުމްލަ 70،000 އަށް ވުރެ ގިނަ ރުފިޔާ އެކުދިންގެ ބައްޕަ ނުދައްކާ ކަމަށް ރެކޯޑުތަކުން ދައްކައެވެ. އަދި ވަޒީފާއިން ވަކިވެއްޖެ ހާލަތެއްގައި ވެސް އެ ރުފިޔާ ދެއްކުމަށް އޭނާ މައްޗަށް ކުރި ހުކުމްގައި ވެއެވެ.
ދަރިންގެ ހަރަދުގެ ގޮތުގައި ކޯޓުން ނަގާދެނީ 2000 ރުފިޔާއެވެ. ނަމަވެސް ދަރިންގެ ހަރަދުގެ ގޮތުގައި ދޭ 2000 ރުފިޔާއިން ހަރަދުތައް ދެކޮޅު ނުޖެހޭތީ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެފަދަ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާ ކުރުމާއި އެކައުންޓް ފްރީޒް ކޮށްގެން ފައިސާ ހޯދުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ފެމިލީ ކޯޓަށް ލިބިގެންވެއެވެ.