އެލް މެގަޒިންގެ ލިޔުންތެރިޔާ އީ ޖީން ކެރޮލް އަށް އެމެރިކާގެ ކުރީގެ ރައީސް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ އައި ހުކުމުގައި 5 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެއެވެ.
ރޭ މެންހަތަންގެ ފެޑެރަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމި މައްސަލައިގައި ޓްރަމްޕްގެ މައްޗަށް 2 ކުށެއް ސާބިތުވެއެވެ. އެއް ކުށަކީ ކެރޮލް އަށް ޖިންސީ ގޯނާ ކުރުމުގެ ކުށެވެ. ދެވަނަ ކުށަކީ، ކެރޮލްގެ އަބުރު ނަގާލުމުގެ ކުށެވެ. މި ދެކުށަށް ޖުމްލަ ޖޫރިމަނާގެ ގޮތުގައި ޓްރަމްޕް ދައްކަވަން ޖެހިވަޑައިގަންނަވާ އަދަދަކީ 5 މިލިއަން ޑޮލަރެވެ.
1990 ގެ އަހަރު ތަކުގައި ހިނގި އެ ހަދިސާގައި ކެރޮލް ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރީ ނިއުޔޯކްގެ ސްޕާސްޓޯރެއްގެ ތެރޭގައި އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. ހެކީގެ ގޮތުގައި ގިނަ ވީޑިއޯ ފްޓޭޖް ތަކާއި ޓްރަމްޕް ފިލްމު ކުޅުއްވި ޒަމާނުގައި ފިލްމުތަކުގައި ޓްރަމްޕެ އަމަލުތައް ހުރި ގޮތާއި ކެރޮލް އަށް ޖިންސީ އަނިޔާ ދިން ކަމަށް ދެ އަންހެނެއްގެ ހެކިބަސް ބަލައިގެން މި މައްސަލަ އަކީ، އެމެރިކާގެ ތާރީހުގައިވެސް ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅެއްގެ މައްޗަށް މިފަދަ ކަމެއް ސާބިތުވި ފުރަތަމަ މައްސަލައެވެ.
9 މެންބަރުން ހިމެނޭ ފަނޑިޔާރުންގެ ބެންޗުން ރޭ އިއްވި ހުކުމުގައި ކެރޮލް ރޭޕް ނުކުރާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އޭނާއަށް ޖިންސީ ގޯނާ ކޮށްފައި ވާ ކަމަށާއި އަދި އަބުރު ނަގާލާފައި ވާކަމަށް ބުނެފައި ވެއެވެ.
މި ކަމާ ގުޅިގެން ޓްރަމްޕްގެ ވަކީލުން ބުނީ، މައްސަލަ މަތީ ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށާއި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުން ނިކުމެ ކެރޮލް އާންމު ކުރި ކުޑަ ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އެ ދައުވާ ކުރީ އަބުރަށް ލިބުނު ހުތުރުން ސަލާމަތް ވުމަށާއި އޭނާގެ މައުސޫމްކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. އަދި އެއީ އޭނާއަށް އެކަނި ލިބުނު ކާމިޔާބެއް ނޫން ކަމަށާއި އެފަދަ ހާދިސާތަކާ ދިމާވެފައިވާ ކޮންމެ އަންހެނަކަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
ހުކުމާ ގުޅިގެން ޓްރަމްޕް އޭނާގެ ސައިޓުގައި ވިދާޅުވެފައި ވަނީ ކެރޮލް އަކީ އޭނާ ދެނެވަޑައިގަންނަވާ މީހެއް ނޫން ކަމަށާއި އެއީ އެ ހުކުމަކީ ތާކުންތާކު ނުޖެހޭ އަދި އޭނާގެ އަގު ވައްޓާލުމަށް ކޮށްފައި ވާ ކަމެއް ކަމަށެވެ.
ރޭ ނިމިގެން ދިޔަ މައްސަލަ އަކީ، މަދަނީ މައްސަލައެއް ނަމަވެސް ޓްރަމްޕާ ދެކޮޅަށް ޖިނާއީ މައްސަލަތަކެއްވެސް ކުރިއަށް އެބައޮތެވެ. އެއީ 2016 ގައި ޕޯން ސްޓާރަށް ފައިސާ ސިން މައްސަލައަކާއި އޭނާ އެމެރިކާގެ ރައީސަކަށް ހުންނެވި އިރު ދައުލަތުގެ ސިއްރު ލިޔެކިޔުންތައް ބެލެހެއްޓުމުގައި ގޯސް ހައްދަވާފައި މައްސަލަތަކެކެވެ. މި މައްސަލަތަކުގެ އަޑުއެހުންތައް އަދި ނުފެށެވެ.