ޕެންޝަން ސްކީމްގެ ދަށުން މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފަރުޟު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން ހައްޖަށް މީހުން ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދެވޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކުގެ އިތުރުން ޕެންޝަން އޮފީހާ އެކު އެއްބަސްވުން ހަދާ ކުންފުނިތައް މެދުވެރިކޮށް އެކަންޏެވެ.
އެގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައި ވާއިރު އެއްބަސްވުން ހަދަން ބޭނުންވާ ފަރާތަތްތަކުން ސިޓީއަކުން ނުވަތަ މެއިލް މެދުވެރިކޮށް އެންގުމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.
ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވެނީ ޕެންޝަން ފަންޑުގައި މަދުވެގެން 336،000 ރުފިޔާ ހުރެގެންނެވެ. ގަވާއިދުގައިވާ ގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން ދޫކުރާނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅައިފައިވާ އަދަދުގެ 50 ޕަސެންޓަށް ވުރެ އިތުރުނުވާ އަދަދެކެވެ.
މި އަހަރު ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ތިން ގުރޫޕަކަށް ހުއްދަ ދީފައި ވާއިރު ކޮންމެ ގުރޫޕަކަށް ވެސް ދީފައި ވަނީ 90 ޖާގައިގެ ކޯޓާ އެވެ. އެގޮތުން ސިސިލްފަރުން ހުށަހަޅާފައި ވަނީ 75،465 ރުފިޔާ އެވެ. ހަރަމައިން އިން ހައްޖަށް މީހުން ގެންދަން ހުށަހަޅާފައިވާ އަގަކީ 75،250 ރުފިޔާ އެވެ. އަދި އަލްމަނާސިކުން ހުށަހަޅާފައި ވަނީ 75،000 ރުފިޔާ އެވެ.
ބާކީ ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދީފައި ވާ އިރު ރާއްޖެއަށް ލިބުނު 1000 ކޯޓާ އިތުރު ކުރެވޭތޯ އިސްލާމިކް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.