ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މި ސަރުކާރުގައި ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައި ނުދެވޭނެކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ މައްސަލައިގައި އެމަނިކުފާނަށް އިންސާފު ނުލިބި ލަސްވަމުން ދާތީ އެކަމާ ގުޅިގެން ޝުއޫރު ފާޅުކުރައްވަމުން މި ސަރުކާރުން އިންސާފުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނެ ކަމަށް ވިދާޅުވެއެވެ.

މި ސަރުކާރުން އިންސާފުގެ ވާހަކަ ދެން ރަނގަޅުވާނީ ނުދެއްކިއްޔާ.
އަލީ ހުސައިން

ބޮމުގެ ހަމަލާއަށް ދެ އަހަރު ވިއިރު ރައީސް ނަޝީދަށް އިންސާފު ނުލިބޭތީ ނަޝީދުގެ އަރިން ބޭފުޅުން ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެެ.

އެގޮތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއަށް ދެ އަހަރު ވެފައި ވާއިރު އެ ބިރުވެރި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދިފައި ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް އިންސާފު ލިބުނަ ނުދީ ހިފަހައްޓާލައިގެން ތިބި ކަމަށާއި އެއީ ރައީ ސޯލިހް ބޭނުންފުޅުވާ ގޮތްކަން ވަރަށް ސާފު ކަމަށް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން އަދިވެސް ގެންދަނީ ހަދާފައި ހުރި ގޯސްތައް ވަންހަނާކޮށް ފޮރުވުމަށް މަސައްކަތް ކުރަމުން ކަމަށާއި ރައީސް ނަޝީދަށް އިންސާފު ހޯދައި ނުދެވުނު ކަމަށެވެ.

2021 ވަނަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.

އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށެވެ.

ނަޝީދުގެ އަރިސް ބޭފުޅުން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ އިރު އެ މައްސަލައިގައި ދައުވާ އުފުލި ޝަރީއަތް ހިނގައި އެކަކަށް ވަނީ ހުކުމް އިއްވާފައެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުންނަކީ:

  • ގއ. ކޮނޑޭ / ފޮޅޭމާ، ތަހުމީން އަހްމަދު
  • ނ. މަނަދޫ / ނޫރީގޭ އަލީ ހައިޝަމް
  • މއ. ފޭރުގެ، މުޖާޒް އަހްމަދު
  • މ. ކުދެހިގެ، އިސްހާގު
  • އއ. މާޅޮސް / އަސަރީގެ، މުހައްމަދު ނާޒިމް
  • ގއ. ވިލިނގިލި / ހުދުރުވާގެ، ފަހުމީ އަލީ

އެ މައްސަލައިގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލި ކަމަށް އަދުހަމް ވަނީ އިއުތިރާފް ވެފައެވެ. އެހެން ކަމުން އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ނަމަވެސް މި މައްސަލައިގައި ދެން ހިމެނޭ މީހުންގެ ޝަރީއަތް މަޑުޖެހިފައި ވާ ކަން ފާހަގަ ކުރެވެއެވެ.