6 މަސް ދުވަހުގެ ތެރޭގައި ފޮސްޓާ ބެލެނިވެރިޔާއަށް ގާނޫނީ ގޮތުން ބެލެނިވެރިކަން ބަދަކުރަންޖެހޭ އިސްލާހެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރ-ީއިންޓެގްރޭޓް ކުރުމާބެހޭ ގަވާއިދަށް ގެނެސްފިއެވެ.

އެ އިސްލާހުގައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓާ ބެލެނިވެރިޔާއާ ހަވާލުކޮށް، މިހާތަނަށް ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިންނާ ހަވާލުކޮށްފައިނުވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިޔާއަށް ހަވާލުކުރުމަށް 6 މަސްދުވަހުގެ ތެރޭގައި ޝަރުއީ ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފޮސްޓާ ބެލެނިވެރިންނާ ހަވާލުކޮށްފައިނުވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިޔާއަށް ހަވާލުކުރުމަށް ޝަރުއީ ކޯޓަށް ހުށަހަޅާއިރު ކުއްޖާއާއި ފޮސްޓާ ބެލެނިވެރިންގެ މިހާރުގެ ހާލަތު އަންގައިދޭ އެސެސްމަންޓް ރިޕޯޓެއް ތައްޔާރު ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

ޖެންޑާ މިނިސްޓްރީއިން ބުނީ މި އިސްލާހަކީ ކުޑަކުދިންގެ ހައްގުތަށްް ރައްކާތެރިކުރުމުގެ ގާނޫނުއަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެ ފޮސްޓާކުރެވިފައިވާ ކުދިންގެ ތެރެއިން، މިހާތަނަށް ފޮސްޓާ ބެލެނިވެރިޔާއާ ކޯޓު މެދުވެރިކޮށް ގާނޫނީ ބެލެނިވެރިކަން ހަވާލުކުރެވިފައިނުވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިޔާއަށް ހަވާލުކުރުމަށްޓަކައި ގެނެވުނު އިސްލާހެއް ކަމުގައެވެ.

މި އިސްލާހު ގެނެސްފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ އިންޓެގްރޭޓް ކުރުމާބެހޭ ގަވާއިދުގައި ގާނޫނީ ބެލެނިވެރިކަން ހަވާކުކުރުން ކޯޓުގައި ކުރިއަށް ގެންދެވޭނެ މާއްދާއެއް ނެތުމުގެ ސަބަބުން އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާއެކު ކަމަށް ޖެންޑާ މިނިސްޓްރީއން ބުނެއެވެ. އަދި މި އިސްލާހާއެކު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުއަށް އަމަލުކުރުމަށް ފެށުމުގެ ކުރިން ކޯޓު މެދުވެރިކޮށް ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިޔާއަށް ބަދަލުކުރެވިފައިވާ ކުދިންގެ މައްސަލަތައް އަލުން ކޯޓާށް ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ.

"ފޮސްޓާ ބެލެނިވެރިޔާ" އަދި "އާއިލާ" މާނަކުރާ ގޮތް ބަޔާންކޮށް އެ ގަވައިދަށް 2 އަކުރެއް ވެސް މި އިސްލާހާއެކު އިތުރުކޮށްފައިވެއެވެ.