ގިނަ އަދެއްގެ މީހުންނާއެކު ދަތުރު ކުރަނިކޮށް ދިޔަވަމުން ދިޔަ ލޯންޗު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މިހާރު ލޯންޗުގައި ހުރި މީހަކާ ގުޅިފައިވާ ކަމަށާއި ލޯންޗް މިހާރު މަގޫދޫ ކައިރިން ގޮސް ދ. މީރުއަށް ދަތުރު ކުރަމުން ދާ ކަމަށެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ދިނެވެ.

30 މީހުންނާ އެކު ފ. ފީއަލިން 7 ނޯޓިކަލް ބޭރުން ދަތުރު ކުރަމުން ދިޔަ ސްޕީޑް ލޯންޗަކަށް ރާޅެއް އަރައި ދިޔވަމުންދާ ކަމުގެ މައުލޫމާތު ލިބި ކޯސްޓްގާޑުން އެމީހުން ހޯދަން ފަށާފައި ވަނީ މިއަދު ހަވީރެއް ހާއިރެވެ.

ދަތުރު ކުރަމުން ދިޔަ އެ ލޯންޗުގައި ކުޑަކުދިންގެ އިތުރުން އަންހެނުންވެސް ތިބި ކަމަށާއި ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފ. ފިލިތެޔި ރިސޯޓުން އުޅަނދެއް ފުރާފައިވާ ކަމަށާއި މީގެ އިތުރުން ފ. ފީއަލިންވެސް ދޯންޏަކާއި ލޯންޗެއް ފުރާފައިވާ ކަމަށް މީގެ ކުރިން އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވަ ގޮތުން މި ލޯންޗަކީ މިއަދު މެންދުރު މާލެއިން ފުރައިގެން ދ އަތޮޅާއި ތ އަތޮޅަށް ދަތުރު ކުރަމުން ދިޔަ ފެރީ ލޯންޗް އެކެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރެއް ކަމުން ކަނޑު ދަތުރު ފަތުރު ކުރުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މެޓް އޮފީހުން ވަނީ ކ އަތޮޅުން ފެށިގެން އައްޑޫއަށް ވައިޓް އެލާޓްވެސް ނެރެފައެވެ.