ދުނިޔޭގެ އެއްވެސް ގައުމެއްގައި ނެތް ހާ ބާރު ސްޕީޑްގައި ދަތުރު ކުރާ އަދި ނިއުކްލިއާ ވޯހެޑް އުފުލުގެ ގާބިލުކަން ހުރި ރަޝިއާގެ ހައިޕްސޮނިކް މިސައިލެއް، އެމެރިކާއިން ޔޫކްރައިން އަށް ހަދިޔާ ކުރި މިސައިލް ވައްޓާލާ ނިޒާމު ބޭނުން ކޮށްގެން ވައްޓާލައިފިއެވެ.
މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޔޫކްރައިނާއި ހުޅނަގުން ފަހަގަ ކުރަމުން ދާ އިރު، ވައްޓާލި މިސައިލަކީ އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރު ކުރާ 2000 ކިލޯމީޓަރުގެ ރާސްތާއެއް ލިބިފައިވާ މިސައިލެކެވެ.
ކިންޒާލްގެ ނަމުން ނަންދީފައިވާ އެ މިސައިލަކީ، ރަޝިއާގެ އެންމެފަހުގެ އެއް އުފެއްދުމެވެ. އޭގެ ފުރަތަމަ މިސައިލް މިދިޔަ އަހަރުގެ މާޗް މަހު ޔޫކްރައިން އަށް ވައްޓާލި ފަހުން މިއީ އޭގެ މިސައިލެއް ބޭނުން ކުރި ދެވަނަ ފަހަރެވެ. އޭރު ޔޫކްރައިންގައި އެމެރިކާގެ ޕެޓްރިއޮޓް ޑިފެންސް ސިސްޓަމެއް ނެތެވެ.
ކިންޒާލްގެ ދުވެލީގެ ބާރު މިނާއި އޭގެ ފޯސް އަދި ވޯހެޑް އުފުލުމުގެ ގާބިލު ކަމާއެކު، އެއީ ބިންގަރާސްތައްވެސް ފޫއަޅުވާލާ ވަރުގެ ވަރުގަދަ މިސައިލެކެވެ.
މި މިސައިލަކީ، ރަޝިއާއިން 2018 ގެ ފަހުން ނެކްސް ޖެނެރޭޝަންގެ 6 ހަތިޔާރުގެ ތެރޭގައި ތައާރަފް ކުރި މިސައިލެކެވެ. މިސައިލް ތައާރަފް ކުރަމުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އޭރު ވިދާޅުވެފައި ވަނީ ދުނިޔޭގެ އެއްވެސް އެއާ ޑިފެންސް ސިސްޓަމަކުން އެ މިސައިލް ވައްޓާ ނުލެވޭނެ ކަމަށެވެ.
"ޔޭސް، ރަޝިއާގެ ކިންޒާލް ވައްޓާލައިފިން، މަރުހަބާ ޔޫކްރައިންގެ ރައްޔިތުން، އޭތި ވައްޓާލީ ރޭ ވެރިޔަށް ކީވްގެ ޖައްވުގެ ތެރެއިން" ޔޫކްރައިންގެ އެއާފޯސް ކޮމާންޑަރު މައިކޮލާ އޮލެސްޗަކް ވިދާލުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރަޝިއާއިން އެ މިސައިލް ފޮނުވާލީ، މިގް-31ކޭ މަރުކާގެ މަތިންދާބޯޓަކުން ރަޝިއާގެ ސަރަހައްދުން ކަމަށާއި އޭތި ވައްޓާލީ އެންމެ ޕެޓްރިއަޓް މިސައިލަކުން ކަމަށެވެ.
އެމެރިކާގެ އުފެއްދުމެއް ކަމަށް ވާ ޕެޓްރިއަޓް މިސައިލް ސިސްޓަމަކީ، ކޮންމެ މޫސުމަކަށް އަދި ކޮންމެ ދިމާލަކަށް ހަމަލާ ދިނުމުގެ ގާބިލުކަމާއެކު ބެލެސްޓިކް މިސައިލް، ކްރޫޒް މިސައިލް އަދި އެޑްވާންސް އެއާކްރާފްޓް ތަކަށް ހަމަލާދީ ވައްޓާލުމުގެ ގާބިލުކަން ހުރި މިސައިލް ސިސްޓަމެކެވެ. 70 ކިލޯމީޓަރު ބާރު މިނުގައި އަދި މައްޗަށް 24 ކިލޯމީޓަރަށް ވޯހެޑާ އެކު ދަތުރު ކުރެވޭ މިސައިލް ފޮނުވާލާ އެނިޒާމު ނުލިބިގެން މީގެ ކުރިން ޔޫކްރައިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ރަޝިއާ ބަލި ކުރެވޭނެ ހަތިޔާރު ކަމަށް އޭރުވެސް ޔޫކްރައިނުން ދިޔައީ ބުނަމުންނެވެ.
ރަޝިއާއިން ޔޫކްރައިން އަށް ކިންޒާލް ފޮނުވާލީ މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާގެ ރައީސް އަވާހަރަ ކޮށްލުމަށް ދިން ޑްރޯން ހަމަލާގެ ބަދަލުގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ނަމަވެސް މިކަމާ ގުޅިގެން އަދި ރަޝިއާގެ އިދާރާތަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.