ގިނަ އަދެއްގެ މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ލޯންޗެއް ދިޔަވަމުން ދާތީ އެމްއެންޑީއެފް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް ވިދާޅުވީ، 30 މީހުންނާ އެކު ފ. ފީއަލިން 7 ނޯޓިކަލް ބޭރުން ދަތުރު ކުރަމުން ދިޔަ ސްޕީޑް ލޯންޗަކަށް ރާޅެއް އަރައި ދިޔވަމުންދާ ކަމުގެ މައުލޫމާތު ލިބި ކޯސްޓްގާޑުން އެމީހުންނަށް އެހީތެރިވުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ދަތުރު ކުރަމުން ދިޔަ މި ލޯންޗުގައި ކުޑަކުދިންގެ އިތުރުން އަންހެނުންވެސް ތިބި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަދި ދިޔަވަމުންދާ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފ. ފިލިތެޔި ރިސޯޓުން އުޅަނދެއް ފުރާފައިވާ ކަމަށާއި މީގެ އިތުރުން ފ. ފީއަލިންވެސް ދޯންޏަކާއި ލޯންޗެއް ފުރާފައިވާ ކަމަށް ވެއެވެ. އަދި ކޯސްޓްގާޑްގެ ހާބާ ކްރާފްޓް ވެސް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވަނީ މައުލޫމާތު ދީފައި ވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވަ ގޮތުން މި ލޯންޗަކީ މިއަދު މެންދުރު މާލެއިން ފުރައިގެން ދ އަތޮޅާއި ތ އަތޮޅަށް ދަތުރު ކުރަމުން ދިޔަ ފެރީ ލޯންޗް އެކެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރެއް ކަމުން ކަނޑު ދަތުރު ފަތުރު ކުރުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މެޓް އޮފީހުން ވަނީ ކ އަތޮޅުން ފެށިގެން އައްޑޫއަށް ވައިޓް އެލާޓްވެސް ނެރެފައެވެ.