ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމެންޓުތަކުގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ "ހަންބޯ ކޮމްޕެނީ"ގެ ނަމުގައި މަކަރާއި ހީލަތުން އެޕާޓްމެންޓުތައް ވިއްކިކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި ހަންބޯ ކުންފުނިން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައިދިނުމަށް އެދި އާބަންކޯ އިން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ. ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އާބަންކޯގެ އިތުރުން، ހަންބޯ ކުންފުނިން ވެސް ވަނީ މަމްދޫހުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފައެވެ.
ހަންބޯ ކުންފުނީގެ މައި ހިއްސާ އޮންނަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެއެވެ. އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާ ޖިން ޝިހޫގެ އޮންނަ އިރު، ބާކީ ބައި އޮންނަނީ މަމްދޫހުގެއެވެ.
ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތްކުރެވެން ނެތުމުން މިދިޔަ ހަފްތާގައި އެ އެއްބަސްވުން އުވާލީ ކަމަށް، ހަންބޯ އިން ބުނެފައިވެއެވެ.
މި މަހުގެ ކުރީކޮޅު ހަންބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ:
- އެތައް ބަޔަކަށް ނުއަގުގައި ފްލެޓްތައް ވިއްކާފައި އެބަހުރި ކަމަށް
- ފްލެޓްތަކުގެ އެއްބަސްވުމުގައި މަމްދޫހު ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ނަކަލުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށް
- މަމްދޫހުގެ އަމިއްލަ ބޭނުމަށް ކަސްޓަމަރުންގެ އަތުން ދަރަންޏަށް ފައިސާ ނަގާފައިވާ ކަމަށް
ފްލެޓްތައް ގަނެ ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ނަގުދު ފައިސާ އިން ކަސްޓަމަރުން ފައިސާ ދެއްކުމަށް މަމްދޫހު އެދިފައިވާ ކަމަށް ކަސްޓަމަރުން ބުނެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. ހަންބޯގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ފައިސާ ހޯދުމަށް މުއާމަލާތް ކޮށްފައި ވަނީ ސީދާ މަމްދޫހާއި ޖައިޝަން ސައީދެވެ.
އޮޅުވާލައިގެން ދެ ކުންފުންޏެއް ޖިން ޝިހޫ އާއި ކޭޕާކުގެ ނަންމަތީ އުފައްދައި، އެ ދެ ކުންފުނި ބޭނުންކޮށްގެން ހަންބޯގެ ނަމުގައި ވެސް މުއާމަލާތްކޮށްފައިވާ ކަމުގެ ތުހުމަތު އެ ކުންފުނިން މަމްދޫހުގެ މައްޗަށް ކުރެއެވެ.