އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން، އުރީދޫ ފަން ރަން - 3000 އަށް ވުރެ ގިނަ ބައިވެރިންނާއެކު ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ.

އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ދުވުމަކީ މިހާތަނަށް އަތޮޅުތެރޭގައި ބޭއްވި އެންމެ ބޮޑު ދުވުމެވެ. ކުޅުދުއްފުށި ސިޓީގައި ބޭއްވި މި ދުވުމުގައި ހދ. އަތޮޅުގެ އެކި ކަންކޮޅުތަކުން އެކި އުމުރު ފުރައިގެ މީހުން ވަނީ ބައިވެރި ވެފައެވެ.

ދުވުން ފެށިގެން ދިޔައީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދް އާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރް އާއި ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުالله ނަދީމް އާއި މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އާއި ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމް ހިމެނޭހެން ދުވުންތެރިންނާއެކު ނެގި ސެލްފީ އަކުންނެވެ.

އުރީދޫއިން ބުނީ މި ފަން ރަން އަކީ ހަމައެކަނި ދުވުމުގެ އިތުރުން އުފާވެރި އަދި މަޖާ ހަރަކާތްތަކެއް ހިމެނޭ ދުވުމެއް ކަމަށެވެ. އަދި މިއީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއެއް އާލާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އުރީދޫ އިން ބުނީ ފަން ރަންގައި ދުވުންތެރިން ދުވެ ނިންމާ ކޮންމެ ކިލޯމީޓަރަކީ ކުލަތަކާއި، އިންފްލެޓްބަލް އޮބްސްޓަކްލްސް، ފޯމް ޕާޓީއެއް ފަދަ މަޖާ ހަރަކާތްތަކާއެކު ބައިވެރިންނަށް މި ދުވުމަކީ ކަސްރަތުގެ އިތުރުން އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިވެގެން ދާ ދުވުމެއް ކަމަށެވެ.

އެހެންކަމުން އުރީދޫ ފަން ރަންއަކީ ދުވުމުގައި ހުރިހާ އުމުރު ފުރައެއްގެ ފަރާތްތަކަށް އަދި ދުވުމުގެ ތަޖުރިބާއެއް ނެތް ފަރާތްތަކަށް ވެސް ބައިވެރިވެވޭ ދުވުމެކެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ކުޅުދުއްފުށީގައި އުރީދޫ ފަން ރަން ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާ މި ހަރަކާތުގައި އަތޮޅުގެ އެކި ކަންކޮޅުތަކުން މީހުން އެއްތަނަކަށް އެއްވެ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއާއި މުޖުތަމައުގެ ރޫހު އާލާކޮށްފައި ވާކަމަށެވެ. "އުރީދޫ ފަން ރަން އިވެންޓް މެނޭޖްމަންޓާއި ކޯޑިނޭޝަނުން ފެށިގެން މުނިފޫހިފިލުވުމުގެ ހުރިހާ ކަމެއްގައި އަޅުގަނޑުމެންގެ "ބޮޑު ތިލަދުންމަތީ" މުޖުތަމައުގެ ހުނަރުވެރި ބޭފުޅުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ކާމިޔާބު ހަރަކާތަކަށް ވާތީ މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް." މޭޔަރު މުހައްމަދު އާތިފް ވިދާޅުވިއެވެ.

އުރީދޫ އިން ބުނީ ކުޅުދުއްފުށީ ސިޓީގައި އުރީދޫ ފަން ރަން ބާއްވައި، މި މަޖާ ހަރަކާތް ހދ. އަތޮޅުގެ ރައްޔިތުންނާ ހަމައަށް ގެންގޮސް ދިނުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސް އިން މިހާރު ވެސް އަންނަނީ މި އަހަރުގެ ފަހުކޮޅު ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންގެ ކުރިއަށް އޮތް އެޑިޝަނަށް ތައްޔާރު ވަމުންނެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރައްޖޭގެ އިތުރު ސަރަޙައްދުތަކަށް ފުޅާކޮށް، ވީހާވެސް ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމަށް އުރީދޫ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.