ޗާގޯސް މައްސަލަ އެޕީލް ކުރި ނަމަވެސް އެ މައްސަލައާ މެދު ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

30 ދުވަހުގެ މުއްދަތެއް އެޕީލް ކުރުމަށް ލިބިފައިވާކަން ފާހަގަކޮށް އެ މައްސަލަ އެ ޕީލް ކުރި ނަމަވެސް ދެން ރާއްޖެއަށް ކުރެވޭނެ ކަމަށް ނެތް ކަމަށް މުނައްވަރު ވިދާޅުވީ ކަނޑުގެ އެ ސަރަހައްދު ދިފާއު ކުރުމަށް ކުރިން ސަރުކާރުން މަސައްކަތް ކޮށްފައި ނުވާތީއެވެ. ދެން ވެސް ސަރުކާރަށް ކުރެވޭނެ ކަމަކީ މިހާރު ރާއްޖެއަށް ލިބިފައިއޮތް ކަނޑުގެ ސަރަހައްދު ވެސް މޮރިޝަސް އަށް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް ކުރިން ކަނޑައަޅާފައިވާ 200 ނޯޓިކަލް މޭލުން ބައެއް ރާއްޖެއަށް ގެއްލުނީ ނޫން ކަމަށާއި އެ ސަރަހައްދު ސަރުކާރުން ގަސްތުގައި ދޫކޮށްލީ ކަމަށް މުނައްވަރު ވަނީ ތުހުމަތު ކުރައްވާފައެވެ. އޭގެ ހެއްކެއްގެ ގޮތުން މުނައްވަރު ވިދާޅުވީ ސަރުކާރުން އެއްވެސް އިރެއްގައި ރާއްޖޭގެ އެ ސަރަހައްދު ދިފާއު ކުރުމަށް ވާހަކަ ދައްކާފައެއް ނެތް ކަމާއި އަބަދުވެސް ވާހަކަ ދައްކާފައި ވަނީ ދެ ގައުމުގެ ދެމެދުގައި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ހަމަ ހަމައަށް ބެހުމަށް ކަމެވެ.

ޗާގޯސްގެ ކަނޑުގެ ސަރަހައްދު ދެ ގައުމުގެ ދެމެދުގައި ހަމައަށް ބަހާލުމަށް ކުރިން ނިންމާފައި ވާއިރު ޓްރައިބިއުނަލް އަށް ދިޔައީ ކީއްކުރަންތޯ މުނައްވަރު ވަނީ ސުވާލު އުފައްދަވާފައެވެ. އެ ސަރަހައްދު ދޫކޮށްލީ ކޮން މަސްލަހަތެއް ހިމާޔަތް ކުރުމަށްތޯ ވެސް މުނައްވަރު ސުވާލު އުފެއްދެވިއެވެ.

މުނައްވަރު ވިދާޅުވީ 1996 ވަނަ އަހަަރު ރާއްޖޭގެ ދެކުނުން 200 ނޯޓިކަލް މޭލަކީ ރާއްޖޭގެ އިގުތިސޯދީ ސަރަަހައްދު ކަމަށް ގާނޫނުން ކަނޑައެޅައިފައި ވާނެ ކަމަށާއި އެ ސަރަހައްދު މިން ކުރާނެ ގޮތް ކަނޑައަޅައި، އެ ގޮތަށް ޗާޓުތައް ކުރަހާ ޔޫއެން އަށް ހުށަހަޅާފައި ވާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ކަނޑައެޅިފައި ނެތް ކަމަށް ނުބުނެވޭނެ ކަމަށެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދުން ކަނޑުގެ ސަރަހައްދުގެ އިން މިދިޔަ ހުކުރު ދުވަހު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ކަނޑައަޅާފައިވާއިރު އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެއަށް ލިބިފައިވަނީ 47،232 އަކަ ކިލޯމީޓަރެވެ. އަދި މޮރިޝަސް އަށް ވަނީ 45،331 އަކަ ކިލޯމީޓަރު ލިބިފައެވެ.