މައްސަލަ ޖެހުނީ ކޭޕާކްގެ ލޯކަލް އޭޖެންޓްގެ މެދުގައި ކަމަށާއި އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް އަސަރެއް ނުކުރާނެ ކަމަށް ހަންބޯ ކޮރެއާއިން ބުނެފިއެވެ.

ހަންބޯ ކޮމްޕެނީއިން ހުޅުމާލޭގައި ގާއިމް ކުރަމުންދާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމެންޓްތައް އެ ކުންފުނީގެ ނަމުގައި މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ހަސަން މަމްދޫހުގެ މައްޗަށް ތުހުމަތުކޮށްފައިވާއިރު މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

އެ ކަމާ ގުޅިގެން ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނި ކަމަށްވާ ކޮރެއާ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނީ، ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް އެ ކުންފުނިން އާބަންކޯއާ އެކު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގައި ކަމަށެވެ.

އެ އެއްބަސްވުމަށް ފަހު، ފްލެޓް ގަންނަން މީހުންނަށް އެހީތެރިވުމުގެ ގޮތުންނާއި މާކެޓްކުރުމުގެ ގޮތުން ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަންބޯ މޯލްޑިވްސް ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ހަމަޖެއްސި ކަމަަށާއި ނަަމަވެސް، އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ ކުންފުންޏާއެކު އޮތް އެއްބަސްވުން އުވާލާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި އިތުރަށް ބުނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި މި ނިންމުމާ ގުޅިގެން ޕްރޮޖެކްޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

ންބޯ ކޮމްޕެނީގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ 95 ޕަސެންޓު ހިއްސާ އޮންނަ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ކަމަށްވާ މަމްދޫހުގެ އޮންނަނީ 5 ޕަސެންޓް ހިއްސާއެވެ. ނުއަގުގައި އެތައް ބަޔަކަށް އެޕާޓްމަންޓްތައް ވިއްކާފައި ވާއިރު އެޕާޓްމަންޓުތައް ގަނެ ވިއްކުމުގެ އެއްބަސްވުންތަކުގައި މަމްދޫހު ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުން ކޮށްގެން ކަމަށް އެ ކުންފުނިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވެއެވެ. މަމްދޫހުގެ އަމިއްލަ ބޭނުމަށް ކަސްޓަމަރުންގެ އަތުން ދަރަންޏަށް ފައިސާ ނަގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބާޔާނުގައިވާ ގޮތުން އެޕާޓްމެންޓް ގަނެ ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ގިނަ ބައެއްގެ އަތުން ނަގުދު ފައިސާއިން ފައިސާ ދެއްކުމަށް މަމްދޫހު އެދިފައިވާ ކަމަށް ކަސްޓަމަރުން ބުނެފައި ވާއިރު ފައިސާ ހޯދުމަށް މުއާމަލާތް ކޮށްފައި ވަނީ ސީދާ މަމްދޫހު އަދި ޖައިޝަން ސައީދުއެވެ.

އޮޅުވާލައިގެން 2 ކުންފުންޏެއް ކޭޕާކް އާއި ޖިން ޝިހޫގެ ނަންމަތީ ރަޖިސްޓަރީކޮށް، އެ 2 ކުންފުނި ބޭނުންކޮށްގެން ހަންބޯގެ ނަމުގައި ވެސް މުއާމަލާތަކެ އްކޮށްފައިވާ ކަމުގެ ތުހުމަތު އެ ކުންފުނިން މަމްދޫހުގެ މައްޗަށް ކުރެއެވެ. މަމްދޫހުގެ މަކަރާއި ހީލަތުން ކުރި މި މުއާމަލާތްތައް އާބަންކޯގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށައި ޖައިޝަން އާއި މަމްދޫހުއާ އެއްވެސް މުއާމަލާތެއް ނުކުރުމަށް މިހާރު އެދިފައިވާނެ ކަމަށް ހަންބޯއިން ބުނެއެވެ.