ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދެމެހެއްޓުމަށް ޝަރުތުކޮށް، އެމްއާރްއެމް އިން ރައީސް ސޯލިހުގެ ކޯލިޝަންގައި ބައިވެރިވާން ހުށަހަޅައިފިއެވެ.
އާ ދައުރަކަށް ކޯލިޝަން ހެދުމުގެ މަޝްވަރާ ބައްދަލުވުމެއް އެމްއާރްއެމް އަދި އެމްޑީޕީއިން ރޭ ބާއްވައިފައި ވާއިރު ކޯލިޝަން ހެދުމުގެ 5 ޝަރުތެއް އެެމްއާރްއެމް އިން ހުށަހަޅާފައި ވެއެވެ.
އެމްއާރްއެމްއިން ހުށަހަޅާފައިވާ މައިގަނޑު 5 ޝަރުތު:
- ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިގުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މައުލޫމާތަށް އެދުން.
- ދިވެހި ރައްޔިތުންގެ މަސްލަހަތާއި އެމްއާރްއެމްގެ އުސޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުން.
- ކޯލިޝަން އެއްބަސްވުމަށް އިހްތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް އަމަލު ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުން.
- ސަރުކާރުގެ ސިޔާސަތުތަކާއި ގައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް.
- ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަން.
މަތީގައި ފާހަގަކޮށްފައިވާ 5 ޝަރުތުގެ ބޭރުން އިތުރު ސިޔާސަތުތަކާއެކު ތަފްސީލީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުމަށް ރޭގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވެސް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.
ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގެ ތަފްސީލް އެމްއާރްއެމުން ހާމަނުކުރި ނަމަވެސް އިތުރު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ނިންމާފައިވާ ކަަމަށް އެ ޕާޓީން ބުނެއެވެ.
މި ސަރުކާރާ އެކު ތިބި ސިޔާސީ ޕާޓީތައް އާ ކޯލިޝަންގައި ދެމިތިބުމާ މެދު ގޮތް ނިންމަމުން ދާއިރު އެމްއާރްއެމް އިން މީގެކުރިން ބުނެފައި ވަނީ، މި އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށް ވާތީ ޕާޓީއިން ކަންކުރާނެ ގޮތަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ޕާޓީގެ ސްޓޭންޑާ އެއްގޮތް ބަޔަކާ އެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށެވެ. އެ ޕާޓީގެ ސްޓޭންޑަކީ ރިފޯމަށް މަސައްކަތް ކުރުން ކަމަށާއި އެ އެޖެންޑާއާ އެންމެ ގާތުން މަސައްކަތް ކުރެވޭނެ ބަޔަކާ އެކު މަސައްކަތް ކުރާނެ ކަމަށް ބުނެފައި ވެއެވެ.
އަދާލަތު ޕާޓީއިން އެމްޑީޕީއާއެކު ކޯލިޝަންގައި ދެމިތިބޭނެ ކަން ހާމަކޮށްފައި ވާއިރު ޖުމްހޫރީ ޕާޓީން ވަނީ އަމިއްލައަށް ހަދާ ކޯލިޝަނަކާ އެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ.