އޮސްޓްރޭލިއާގައި ޒުވާން އުމުރުފުރާގެ ކުދިންނާއި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި ވޭޕް ކުރުމާއި އީ ސިނގިރޭޓް ބޭނުން ކުރުން ކޮށްޓްރޯލް ކުރުމަށް، އެ ތަކެތި އެގައުމަށް އެތެރެ ކުރުމާއި އުފެއްދުން މަނާކުރަން ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ ހެލްތް މިނިސްޓަރު މާކް ބަތްލާ ވިދާޅުވީ، ދުންފަތް ބޭނުން ކޮސްގެން ހަދާގައި ހުންނަ ސިނގިރޭޓާ ދުރުވުމަށް ބޮވޭނެ އިތުރު އެއްޗެއް ކަމަށް ބުނެ މާކެޓް ކުރާ ވޭޕާއި އީސިނގިރޭޓް އޮސްތްރޭލިއާގެ ދަރިވަރުންގެ މެދުގައި އިތުރުވެ، އަހުލާގީ ގޮތުން ނޭދެވޭ ބަދަލުތައް އައުމުގެ މައްސަލަ މިހާރު ބޮޑުވެފައި ވާ ކަމަށެވެ.

އަދި ސްކޫލް ދަރިވަރުންގެ ތެރޭގައި މަތީތައުލީމު އުނގެނޭ ކުދިންގެ އިތުރުން ކުޑަކުދިންވެސް ވޭޕާއި އީސިނގިރޭޓު ބޭނުން ކުރަމުން ދާ ކަން ފާހަގަ ކުރެއްވިފައި ވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު ގަވަިއދުތައް ހަރުކަށިކޮށް އޮސްޓްރޭލިއާއަށް އީސިނގިރޭޓްގެ ވައްތަރުތައް އެތެރެ ކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޕްރެސްކްރިޕްޝަނަކާ ނުލައި ދެން ވޭޕް އެތެރެ ނުކުރޭނެ ކަމަށާއި އެތެރެ ކުރަން ހުއްދަ ދޭ ބާވަތްތަކުގެ ތެރޭގައި ބޭސްފަދަ އެއްޗެހީގައި އޮންނަ ފަދަ ލޭބަލް އޮންނަން ވާނެ ކަމަށާއި އޭގެ އަމާޒަކަށް ވާންވާނީ ސިނގިރޭޓް ބޯ ފަރާތްތައް އެ އަމަލު ހުއްްޓާލުމަށް ހިތްވަރު ދިނުން ކަމަށެވެ.

އެކި ފާޑުފާޑުގެ ކުލަތަކާއި ފާޑުފާޑުގެ ޑިޒައިންތަކުގައި ޒުވާނުން ޝައުގުވެރި ކުރުވާ ގޮތަށް ހުންނަ ތަކެތި މަނާ ކުރައްވަނެ ކަމަށާއި އެއްފަހަރު ބޭނުން ކުރެވޭ ވޭޕާއި ދިސްޕޯސަބަލް ޥޭޕްވެސް މަނާވާނެ ކަމަށް ވިދާޅުވިއެވެ.

"މިއީ ލޮލީއާއި ޗޮކްލެޓް ގޮތަށް އަހަރެމެންގެ ޅަ ދަރިންނަށް ވިއްކާ އެއްޗެއް"

އޭނާ އިތުރަށް ވިދާޅުވީ ކުރިން ސިނގިރޭޓަށް ހެދިހެން ދުންފަތް އެތެރެ ކުރާ ބޮޑެތި ކުންފުނިތަކުން ސިނގިރޭޓް ނޫން އެއްޗެއް އެހެނަސް އޭގެ މަސްތުގައި އެތައް ބަޔަކު ޖެހޭ އެއްޗެއް އުފެއްދީ ކަމަށާއި ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރިވާނެހާ ގޮތްގޮތަށް ހަދައިގެން ނެރެނީ ކަމަށެވެ.

އަލަށް މި އެޅި ފިޔަވަޅުތަކާއެކު، އޮސްޓްރޭލިއާގައި ދުންފަތުގެ ބާވަތްތައް ހުއްދަ ގޮތުގައި ދެން ވިއްކޭނީ ޑޮކްޓަރުގެ ލިޔުމެއް ނުވަތަ ޕްރެސްކްރިޕްޝަނާ އެކުގައެވެ. އެއާއެކު ބްލެކްމާކެޓް ތަކާއި ފިއުލް ސްޓޭޝަން (ތޮޔޮ އެޅުމުގެ ހިދުމަތް ދޭ ތަންތާނގައި ހުންނަ ފިހާރަތަކުން) ލޭބަލް ނެތި ވިއްކާ އެބާވަތުގެ ތަކެތިވެސް ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލާއެކު އޮސްޓްރޭލިއާއިން ވަނީ ސިނގިރޭޓް ބުއިން ހުއްޓުވުމަށް ހިންގާ ހަރަކާތްތަކަށް 20 މިލިއަން ޑޮލަރުގެ ބަޖެޓެއް ވެސް ކަނޑައަޅާފައެވެ.