ރޭގެ ވަގުތެއްގައި ވިލިމާލެ ފަރާ ދިމާލުގައި އަޅާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރާ ފްލޯޓެއް ފަރަށް އެރިކަމަށް ބުނާ މައްސަލަ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނައީމް ހިއްސާއެއް ނުކުރައްވައެވެ.
ރޭގެ ވަގުތެއްގައި ވިލިމާލެ ފަރާ ދިމާލުގައި ބްރިޖުގެ މަޝްރޫއަށް ބޭނުން ކުރާ "ބާޖެއް" ފަރަށް އަރާފައިވާ ކަަމަށް ބުނެ އާންމުން އަންނަނީ މި މަޝްރޫއުގެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެއީ މީގެ ކުރިން ވެސް ބްރިޖް މަސައްކަތަށް ބޭނުން ކުރި ފްލޯޓެއް ފަރަށް އަރާފައި ވާތީ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ހިއްސާ ކުރަމުން އަންނަނީ މި މަޝްރޫއުގެ ސަބަބުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ބުނަމުންނެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވެފައި ވަނީ، އެ ސަރަހައްދުގައި ބްރިޖްގެ މަސައްކަތަށް އަޅާފައިވާ "ފްލޯޓިން ބެޗިން ޕްލާންޓް" އެއްގެ ނަގިލި ކަހާލައިގެން ފަރާ ދިމާއަށް ގޮސްފައިވާ ކަަމަށެވެ. ނަމަވެސް އެ ޕްލާންޓް ފަރަށް ނާރާ ކަމަށާއި އެ ވަގުތު އެ ފްލޯޓް ވަގުތުން ނަގާފައިވާ ކަމަށް ޖިނާން ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ބްރިޖްގެ މަސައްކަތަށް ބޭނުން ކުރި ޕްލެޓްފޯމެއް ވަނީ ވިލިމާލެ ފަރަށް އަރާފައެވެ. މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު މޫސުން ގޯސްވެފައި އޮތް ދުވަސްވަރެއްގައި ހިނގި މި ހާދިސާގައި އެ ޕްލެޓްފޯމް ފަރުމަތިން ނެގުނީ ވެސް ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އަދި އެކަމުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާތީ ބްރިޖްގެ މަސައްކަތް ކުރަމުން ދިޔަ އެފްކޯންސް ކުންފުނި ވަނީ 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.
އަދި މިހާތަނަށް އެފްކޯންސް އިން މި ޖޫރިމަނާގެ ފައިސާ ދައްކާފައެއް ނުވެއެވެ. އެ ފައިސާ ނުދައްކާތީ އެތައް ބައެއް ކަންބޮޑުވުން ފާލު ކުރަމުން އަންނަ އިރު އެ ފައިސާ މައާފް ނުކުރާނެ ކަމަށް އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ.