ރާއްޖެ އާއި މޮރިޝަސް އާ ދެމެދުން ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅި މައްސަލަ ނިމުނީ ރާއްޖެ އާ ދެކޮޅަށް ކަމަށާއި، ގެއްލުނު ސަރަހައްދު އަނބުރާ ލިބޭނެ ގޮތެއް ހޯއްދަވަން، އެ މަގަށް މަސައްކަތް ކުރައްވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިމުގެ މައްސަލައިގައި ރާއްޖެ އާއި މޮރިޝަސް އާ ދެމެދުން އިކުއިޑިސްޓެންޓުގެ ދަށުން ބަހާލުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ހުކުމްކުރީ މިދިޔަ ހުކުރު ދުވަހުގައެވެ. އެ ޓްރައިބިއުނަލުން ހުކުމްކުރި ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި، ގާސިމް ވިދާޅުވީ، އިޓްލޮސްގެ ހުކުމާ ގުޅިގެން، އިގްތިސޯދީ ނަފާ ހޯދަން ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދު ހޯދުމަށް އޮތް ފުރުސަތު ގެއްލިއްޖެ ކަމަށެވެ.

ގާސިމް ވިދާޅުވީ، ދިވެހިންނަށް އެ ސަރަހައްދު ގެއްލުމުގައި މީގެ ކުރިން ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސްގެ އެ ސިޓީފުޅު ގާނޫނުއަސާސީ އާއި ރާއްޖޭގެ ކަނޑުތަކާއި ބެހޭ ގާނޫނާ ހިލާފެވެ.

"ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަމެވެ،" ގާސިމްގެ ޓްވީޓްގައި ވެއެވެ.

"އެހެންކަމުން އިޓްލޮސްގެ މި ހުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެން ދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހި ރައްޔިތުންނާ އެކު އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ނުކުމެއެވެ،"

އިޓްލޮސް އިން އިމުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން ހަމަ އެ ދުވަހުގެރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބުމަކީ ކާމިޔާބެއްގެ ގޮތުގައި ސަރުކާރުން ސިފަކުރިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމާއި އެމްއެންޕީގެ އިތުރުން، ޕީޕީއެމުން މިކަމުގައި ސަރުކާރާ ހިޔާލު ތަފާތެވެ.

މީގެ އިތުރުން މި މައްސަލައިގައި އެމްއެންޕީން ވަނީ ރައީސްގެ އިތުރުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ.