ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ވަމުން އަންނަ މި ދަނޑިވަޅުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލީޑަރުކަން ކުރައްވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (ޢެމްއާރްއެމް) އިން އެ ޕާޓީގެ އެކްސްކޯގެ ކުއްލި ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ 8:30 ގައި ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ދާދި ފަހުން މޮރިޝަސް އާއި ރާއްޖެއާ ދެމެދުގައި ވާ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރި މައްސަލަ ހިމެނެއެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ޗާގޯސް މައްސަލައާ ގުޅިގެން މަޝްވަރާ ކުރި ކަންކަމުގެ އިތުރު ތަފްސީލެއް އެމްއާރްއެމުން ހާމައެއް ނުކުރެއެވެ. ނަމަވެސް ޗާގޯސް މައްސަލައިގައި މަޝްވަރާ ކުރި ކަމަށް އެ ޕާޓީން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހު އިޓްލޮސް އިން ނިންމާފައި ވަނީ ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލުމަށް ކަމަށްވާއިރު އެ އުސޫލުގެ ދަށުން ޗާގޯސް ކަނޑުގެ ބޮޑު ސަރަހައްދެއް ލިބިފައި ވަނީ ރާއްޖެއަށެވެ. އެގޮތުން ރާއްޖެއަށް ވަނީ 47،232 އަކަ ކިލޯމީޓަރު، އަދި މޮރިޝަސް އަށް 45،331 އަކަ ކިލޯމީޓަރު ލިބިފައެވެ. އެއީ ރާއްޖެއަށް 135 ނޯޓިކަލް މޭލެވެ.

މި ކަމާ ގުޅިގެން ސަރުކާރުން މިއީ ލިބުނު ކާމިޔާބެއްގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ އިރު، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވެ، ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

އިޓްލޮސްގައި މި މައްސަލައިގެ ހުކުމް ކުރާން ގާތްވެފައި ވަނިކޮށް އިދިކޮޅުން ވަނީ ރައީސް ޔާމީން ސޮއިކުރައްވާ އިޓްލޮސްއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީ ފޮނުއްވުމުގެ ކުރިން އިދިކޮލޫން ވަނީ 5 ސިޔާސީ ޕާޓީއެއްގެ ފަރާތުން އެ ސިޓީގައި ސޮއި ހޯދަން ދައުވަތު ދީފައެވެ. އޭގެތެރޭގައި އެމްއާރްއެމް ހިމެނެއެވެ.

އެ ސިޓީގައި ސޮއި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރީ އެމްއެންޕީ އަދި އެމްއާރްއެމް އިން ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ. ނަމަވެސް އެ ދެ ޕާޓީން އެކުގައި އިތުރަށް މަސައްކަތްތަކެއް ކުރަން ވަގުތު ބޭނުން ވާތީ އާއި އެކަމުގެ ސީރިއަސް ކަމާއި އަދި ހުކުމް ކުރުމުގެ ކުރިން ސިޓީ ފޮނުވަން ޖެހޭތީ ޕާޓީތަކުގެ ސޮއި ނުހިމަނައި އެ ސިޓީ ފޮނުވީ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ. ޕީޕީއެމުން މިހެން ބުނެފައި ވީ ނަމަވެސް އޭރު އެމްއާރްއެމުން ސީދާ މިކަމާ ގުޅިގެން ވަކި ސްޓޭންޑެއް ހާމަކޮށްފައެއް ނުވެއެވެ.