8 މަސް ފަހުން އަނެއްކާ ވެސް އެސްޓީއޯ އިން އާންމުކޮށް ޝެޑްތަކުން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮ ކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، މިއަދުން ފެށިގެން ތެލާއި ޑީސަލް ވިއްކާ އަގަށް ބަދަލު ގެންނަން ނިންމާފައި ވަނީ، މިހާރު ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާ ގުޅިގެން ކަަމަށެވެ. އެގޮތުން މިއަދުން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސްގެ ސްޓޭޝަންތަކުން ޑީސަލް ލީޓަރެއް ލިބޭނީ 15.70 ރުފިޔާއަށް ކަމަށާއި ޕެޓްރޯލް ލީޓަރެއް ލިބޭނީ 15.14 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޑީސެލް ލީޓަރެއް 15.70 އަށް އަގު ހެޔޮކޮށްފައިވާ އިރު، ކުރިން ޑީސެލް ވިއްކީ 16.32 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް 15.14 އަށް ދަށްކޮށްފައިވާ އިރު، ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 15.97 ރުފިޔާއަށެވެ. އެހެންކަމުން ޑީސަލް ލީޓަރަކުން 62 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 83 ލާރި މި ވަނީ ހެޔޮ ކޮށްފައެވެ.

ރަޝިއާ އާއި ޔޫކްރައިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ބާރު ބޮޑުވެ ތެލުގެ އަގު އަރައިގެން ދިޔަ ވަގުތު އެސްޓީއޯއިން ގާތްގާތުގައި 3 ފަހަރަށް ތެލުގެ އަގު ބޮޑު ކޮށްފައި ވެއެވެ. އެގޮތުން އެންމެ ފަހުން ތެލުގެ އަގު ބިޑު ކުރީ ޖޫން 24، 2022 ގައެވެ. އޭރު ބޮޑު ކުރީ ކުރި ތެޔޮ ވިއްކަމުން ދިޔަ އަގަށް ވުރެ ލީޓަރަކުން 2 ރުފިޔާއެވެ.

އެއަށްފަހު މިއީ ތެލުގެ އަގު ހެޔޮ ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ތެލުގެ އަގު ހެޔޮ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އޭރު ޑީސަލުން 45 ލާރި ދަށް ކޮށްފައިވާ އިރު ޕެޓްރޯލުން ދަށް ކުރީ 58 ލާރިއެވެ.