މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިންް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޖުމްލަ އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ހޯދައިފިއެވެ.

އެސްޓީއޯ އިން އާންމު ކުރި ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި، އާމްދަނީގެ ގޮތުގައި 4.4 ހޯދާފައިވާ އިރު، މިއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 10 ޕަސެންޓްގެ ކުރިއެރުމެކެވެ. އެސްޓީއޯ އިން ބުނީ، މި ލަނޑުދަނޑި ހާސިލްވެފައި ވަނީ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ އެ ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައި ވާތީ ކަމަށެވެ.

ނަމަވެސް ކުންފުނީގެ މައިގަނޑު ވިޔަފާރި ކަމަށްވާ ތެލުގެ އަގަށް އައި ބަދަލާއެކު، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާބަލާ އިރު އާމްދަނީ ވަނީ 3 ޕަސެންޓް ދަށް ވެފައެވެ.

އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގްރާފެއް

ޖުމްލަ އާމްދަނީ އަށް 4.4 ބިލިއަން ފުރަތަމަ ކުއާޓަރުގައި ލިބިފައިވާ އިރު، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 809 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު 19 ޕަސެންޓްގެ ކުރިއެރުމެކެވެ. ޖުމްލަ ފައިދާ އިތުރުވެފައިވާ އިރު، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 503 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައި ވަނީ 436 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށް ފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 368 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 37 ޕަސެންޓްގެ ކުރިއެރުމެކެވެ.

ފާއިތުވި ކުއާޓަރުގައި އެސްޓީއޯގެ ހިއްސާއަކަށް އެންމެ މަތިން 1450 ރުފިޔާ ޓްރޭޑްކޮށްފަިއވާ އިރު، އެންމެ ދަށުން ޓްރޭޑްކޮށްފައި ވަނީ 1200 ރުފިޔާގެ މަގުންނެވެ. ފާއިތުވި ކުއާޓަރުގައި ޖުމްލަ 56 ހިއްސާ މުއާމަލާތް ކުރެވިފައިވާ އިރު އެސްޓީއޯގެ މާކެޓް ކެޕިޓަލައިޒޭޝަން އުޅެނީ 1735 މިލިއަން ރުފިޔާގައެވެ. އަދި ކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ހުރީ 327 ރުފިޔާގައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.