ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބަހާފައި ވާ އިރު ޗާގޯސް މައްސަލައިގައި މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށް ބުނެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިތުރު ދެ ބޭފުޅުންގެ ފަރާތުންނެވެ. އަދި އެ މައްސަލައިގައި އެދިފައިވަނީ، ރައީސް ސޯލިހުގެ ފަރާތްޕުޅުން ފޮނުވި ސިޓީ ބާތިލްކޮށްދިނުމަށާއި އެ ސިޓީ އާންމު ކޮށްދިނުމުގެ އިތުރުން އެ މައްސަލައިގައި ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ބާތިލް ކޮށްދިނުމަށް އެދިއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައި ނުވާއިރު "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އެ ސިޓީ ފޮނުވާފައި ވަނީ މިދިޔަ އަހަރުއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި އޭރު މައްސަލަ އޮތްއިރު އެ ސިޓީގައި ވަނީ، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަމަށެވެ.

އެ ސިޓީއާ މެދު މީގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ، ލީކްވެގެން ކަމަށް ބުނެ އާންމު ކުރަނީ ސިޓީ ނޫން ކަމަށެވެ. އަދި ސިޓީގައި އޮތް ވާހަކަ އިޓްލޮސް އިން ނިންމި މައްސަލައިގެ ހުކުމުގައި އެބައޮތް ކަމަށެވެ. އެ ހުކުމުގައި އޮތީ، ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އައިސީޖޭ އިން އދ އަށް ދިން އިޝްތިޝާރީ ލަފައާ އެއްގޮތަށް ބަލައިގަނެ އދ ގައި ރާއްޖެއިން ވޯޓު ދޭނެ ކަމަށާއި، ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ދަތުރު ކުރަން ބޭނުންވާ މޮރިޝަސްގެ އުޅަނދު ފަހަރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު އިޓްލޮސް އިން ނިންމާފައިވަނީ ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލުމަށް ކަމަށްވާއިރު އެ އުސޫލުގެ ދަށުން ޗާގޯސް ކަނޑުގެ ބޮޑު ސަރަހައްދެއް ލިބެނީ ރާއްޖެއަށެވެ.

އިޓްލޮސްއިން ޗާގޯސް ކަނޑުގެ އިން ވަކިކުރަން ނިންމާފައިވާ ގޮތް

އެގޮތުން އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލައިގައި މިއަދު ނިމިގެން ދިޔަ ގޮތުން ރާއްޖެއަށް ވަނީ 47،232 އަކަ ކިލޯމީޓަރު، އަދި މޮރިޝަސް އަށް 45،331 އަކަ ކިލޯމީޓަރު ލިބިފައެވެ. އެއީ ރާއްޖެއަށް 135 ނޯޓިކަލް މޭލެވެ.

ޗާގޯސް އައިލޭންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް އަންގަވާފައި ވާއިރު، މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް ވޮލަންޓިއާ ކޮށް މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފު ނުވާ އިރު، ދެ ގައުމުގެ އިން ވަކި ކުރާ ހިސާބުގައި ފުށޫ އަރާ 4000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް އޮތެވެ.