މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން ހުށަހެޅުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ، މި އަދަދު އަހަރީ އާންމު ޖަލްސާއަށް ހުށަހެޅޭނެ ކަމަށާއި ހިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާއިން އެ އަދަދު ފާސްވުމަށް ފަހު ކަމަށެވެ.

މިއީ މި ވޭތުވެ ދިޔަ 5 އަހަރުތެރޭ ހިއްސާއަކަށް ބަހަން ނިންމި އެންމެ މަތީ އަދަދެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން ހުށަހަޅަން ނިންމާފައިވާ އިރު، އޭގެ ކުރީ އަހަރު އެސްޓިއޯއިން ހިއްސާއަކަށް ޖެހުނީ 65 ރުފިޔާއެވެ. 2020 ވަނަ އަހަރު ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމި އިރު، 2019 އާއި 2018 ގައި ހިއްސާއަކަށް ޖެހުނީ 58 ރުފިޔާއެވެ.

މިދިޔަ އަހަރަކީ އެސްޓީއޯއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެ ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓް ތާރީހުގައި ވެސް އިތުރު ނުވާ މިންވަރަށް ވަނީ އިތުރުވެފައެވެ. އެ ގޮތުން އެ ކުންފުނިން ވަނީ މިދިޔަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް، 1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ހަމައެއާއެކު މިދިޔަ އަހަރު އެ ކުންފުނިން ވަނީ ރެކޯޑު އަދަދަކަށް އާމްދަނީ އަދި ފައިދާ ހާސިލް ކޮށްފައެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 79 ޕަސެންޓްގެ ކުރިއެރުމެކެވެ.

އަމްދަނީގެ ގޮތުގައި ލިބުނު އަދަދަށް ބަލާއިރު މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ވެސް ވަނީ އެ އަހަރުގެ 3 ވަނަ ކުއާޓަރެކޭ އެއްފަދައިން 4.6 ބިލިއަން ރުފިޔާ ލިބިފައެވެ. މިއާއެކު ޓެކްސްއަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ 4 ވަނަ ކުއާޓަރުގައި ލިބިފައިވާއިރު، 3 ވަނަ ކުއާޓަރުގައި ލިބިފައި ވަނީ 168 މިލިއަން ރުފިޔާއެވެ. އެގޮތުން ފާއިތުވި އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ޖުމްލަ ފައިދާގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 41 ޕަސެންޓްގެ ކުރިއެރުމެކެވެ.